މާލެ އަތޮޅު ވިލިމާލޭގައި އަނެއްކާވެސް މީހުން ވަޅުލަން ފަށަން ނިންމައިފި ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައެވެ.
މިކަމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދެ އަހަރާއި ބައި ވަންދެން ވިލިމާލޭ ސަހަރާ ބޭނުން ނުކޮށް އޮތުމަށްފަހު، ވިލިމާލެގައި ހުންނަ ހިނަވާގެ އެކައުންސިލުން މަރާމާތުކޮށް އެސަހަރާ ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން އެޓްވީޓުގައި ބުނެފައިވަނީ ވިލިމާލޭ ސަހަރާގައި ދެ އަހަރާއި ބައި ވަންދެން މީހުން ވަޅުލުން ހުއްޓާލާފައި އޮތުމަށްފަހު މާލެ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު، ވިލިމާލޭގެ ހެޔޮ އެދޭ ރައްޔިތުން އެސަހަރާ ސާފު ކޮށްދީފައިވާ ކަމަށެވެ.
ވިލިމާލެ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލިއިރު، ސަހަރާތައް ބެލެހެއްޓުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލު އަތުން ނަގާފައެވެ. ނަމަވެސް މިސަރުކާރު އައުމަށްފަހު، މިސްކިތްތަކާއި ސަހަރާތައް ބެލެހެއްޓުން އަލުން އޮތީ ކައުންސިލުތަކާއި ހަވާލު ކޮށްފައެވެ.