ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ދެވައްތަރެއްގެ ސޭވިންގްސް އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓެއް ތަޢާރަފްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މިއަދު ތަޢާރަފްކުރި މި ކިދުމަތްތަކާއިއެކު ޝަރީޢާއާއި އެއްގޮތްވާގޮތުގެ މަތިން ބީއެމްއެލް އިސްލާމިކުން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.
މި އެކައުންޓްތައް ބިނާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އުސޫލެއްކަމަށްވާ ވަކާލާއުސޫލުގެ މައްޗަށެވެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީޢާ ހުއްދަކުރާ ކަންކަމަށް އިންވެސްޓް ކުރުމަށްފަހު އެއިން ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެއެވެ.
'ބީއެމްއެލް އިސްލާމިކް ސޭވިންގސް އެކައުންޓް' އަކީ ފަހަށްފައިސާރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަފަރުދުންނަށް ތަޢާރަފުކުރާ ޚިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރއެކައުންޓަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. 'ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީ ޝަރީޢާ ހުއްދަކުރާ އުސޫލު ތަކާ އެއްގޮތްވާގޮތުގެމަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށް ތަޢާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.
"ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް މިދަނީ ފުޅާކުރެވެމުން. އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީޢާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތަކަށްއިތުރުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ކަމަށް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.