ތައުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޑރ. އާމާލް ޢަލީ އަދިވެސް އިތުރު ފަންނީ ޤާބިލު، ތައުލީމީ ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.

މިރޭ ޖޭޕީ އާއި ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ފާހަގަކުރެވޭ ބޭކަނބަލެއް ކަމަށްވާ ޢައިޝަތު ނާޒިމާ ޢާއި އިންޓެގްރިޓީ ކޮމިޝަނުގައި ޚިދުމަތް ކުރެއްވި މާނިޢް މުޙައްމަދު އާއި އިންޖިނިއަރިންގ ދާއިރާއިން މަތީ ތައްލީމް ޙާޞިލުކުރައްވާފައިވާ ޢަބްދުﷲ ޢާދިލް ފަދަ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޖޭޕީ ޓިކެޓުގައި ދާންދޫ ދާއިރާއަށް ކުރިމަތިލައްވަން ޤަޞްދުކުރައްވާ ހުޝާމް ޢަލީ ވެސް ވަނީ 100 ފޯމް ހަވާލުކޮށްފައެވެ.
ޕާޓީ އާއި އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ ރާއްޖޭގައި ތިއްބެވި ތަފާތު ދާއިރާތަކުން ތައުލީމީ ޤާބިލު ބޭފުޅުން ޕާޓީ އާއި ގުޅިވަޑައިގަންނަވާތީ އުފާފުޅު ކުރައްވާ ކަމަށެވެ. ޚާއްޞަކޮށް ޤާބިލު، ތައުލީމީ އަންހެން ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަންނަވާތީ އުފާފުޅު ކުރައްވާ ކަމަށެވެ.