އަތުލައިގަތް ބަންގްލަދޭޝް މީހާގެ އަތުން 3 ކިލޯ ކެނަބިސް ފެނުން: ކަސްޓަމްސް

ކިޔުމަށް ހޭދަވާނީ 1މ 9ސ
އަތުލައިގަތް ބަންގްލަދޭޝް މީހާގެ އަތުން 3 ކިލޯ ކެނަބިސް ފެނުން: ކަސްޓަމްސް

މިހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކީ އެއާޕޯޓުން އަތުލައިގަތް ބަންގްލަދޭޝް މީހާގެ އަތުން ތިން ކިލޯ ކެނަބިސް ފެނުން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން މައުލޫމާތު ދީފިއެވެ. 

ކަސްޓަމްސް އިން ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝުން ރާއްޖެ އެތެރެވި އުމުރުން 21 އަހަރުގެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން އޭނާ ބަލައިފާސް ކުރިއިރު، މުށިކުލައިގެ ފަތްތަކެއް އޭނާގެ އަތުން ފެނުން ކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރުމުން އެއީ މަސްތުވާތަކެތިީގެ ތެރެއިން ކެނަބިސް ކަމަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ތިން ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ. 

މީގެއިތުރުން ކަސްޓަމްސް އިން ބުނެފައިވަނީ، މަސްތުވާތަކެއްޗާއެކު ފެނުނު އެބިދޭސީ މީހާއާއި އެތަކެތި ވެސް މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ. 

މިކަމާއި ގުޅޭގޮތުން ފުލުހުން ރޭގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 20:53 ހާއިރު ބަންގްލަދޭޝް އިން ރާއްޖެއައި އުމުރުން 21 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކުރީ އެމީހާގެ ލަގެޖު ކަސްޓަމްސް އިން ޗެކު ކުރިއިރު، މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އަލުން ބަލައިފާސް ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 31 ޕެކެޓު ފެނިފައިވުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން