ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އެންމެ ފުރަތަމަ އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މިލްކިއްޔާތުގެ މައްސަލައެއް މިއަދު ހެނދުނު ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ޕީޕީއެމްގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަމަޖެއްސުމުން، އެޕާޓީއަކީ ރައީސް މައުމޫންގެ ޕާޓީއެއް ކަމަށް ބުނެ، އެހެންކަމުން ރައީސް މައުމޫނާއި ޕާޓީ ހަވާލު ކުރުމަށް އެދި ޕީޕީއެމްގެ އާންމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ލިޔުންތައް ސުޕްރީމް ކޯޓުން ވަނީ އެކޯޓަށް ނަގާފައެވެ. އަދި އެމައްސަލައުގެ އަޑުއެހުމެއް މިއަދު ހެނދުނު 8:15 ގައި ބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ ތާވަލު ކޮށްފައެވެ.
އެޕާޓީ ރައީސް މައުމޫނާއި ހާވަލު ކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅާފައިވަނީ ގދ. ތިނަދޫ ބީޗްރެސްޓް އަޙުމަދު ރަޝީދު އެވެ. އެނގިފައިވާ ގޮތުގައި ރަޝީދު މިމައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕުން އެޕާޓީއާއިމެދު އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ޕީޕީއެމް އަށް ގެއްލުންވާތީއާއި، އެޕާޓީއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވި ކޮންގްރެސް ވެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީއެވެ.
ޕީޕީއެމްގެ މިލްކިއްޔާތާއި ގުޅޭ އަޑުއެހުމެއް މިއަދަށް ތާވަލު ކުރެވިފައިވާއިރު، ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އައު ޕާޓީއެއް އުފައްދަވަން ނިންމެވީ ޕީޕީއެމްގެ ލީޑަރޝިޕް އާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުންނެވެ.