ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ހަވާލުކުރަން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ތަދައްޚުލްވުމަށް ނިންމައިފި އެވެ.
އެޕާޓީ ހިންގުން ރައީސް މައުމޫނާއި ހަވާލުކުރަން އެ ޕާޓީގެ އާންމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި ކަމުގައިވިޔަސް، އެމައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަށް ގެންގޮސްފަ އެވެ. އަދި އެމައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް ސުޕްރީމް ކޯޓުން މިއަދު ބޭއްވި އެވެ.
އެ މައްސަލައިގެ ތެރެއަށް ރައީސް މައުމޫންގެ ފަރާތުން ވަނުމަށް ނިންމައި، އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި އޮތްއިރު، ޕީޕީއެމްގެ މިހާރު ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން އިސްކޮށް ތިއްބަވައިގެން ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ ބޭފުޅުން އާ ޕާޓީއެއް އުފައްދަވަނީ ވެސް ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމުންނެވެ.