އިމާމް މީހާ ތެދުވަނީ އިތުރު ރަކްއަތަކަށްކަން އެނގިހުރެ ފަހަތުން ތެދުވެއްޖެނަމަ އެމީހެއްގެ ނަމާދު ބާޠިލު ވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އިމާމް މީހާ ތެދުވަނީ އިތުރު ރަކްއަތަކަށްކަން އެނގިހުރެ ފަހަތުން ތެދުވެއްޖެނަމަ އެމީހެއްގެ ނަމާދު ބާޠިލު ވާނެ: ޑރ. އިޔާޟް

އިމާމް މީހާ އެ ތެދުވަނީ އިތުރު ރަކްއަތަކަށްކަން އެނގިހުރެ ފަހަތުން ތެދުވެއްޖެނަމަ އެމީހެއްގެ ނަމާދު ބާޠިލު ވާނެ އެވެ. ނަމާދުގައި އިމާމް މީހާ އިތުރު ރަކްޢަތަކަށް ތެދުވާނަމަ އިމާމާއަށް އެކަން އެންގުމަކީ އިޤްތިދާވެގެން ތިބި މިހުންގެ މައްޗަށް އޮތް ވާޖިބެކެވެ. ޚާއްޞަކޮށް އިމާމް މީހާއާއި ދިމާއަށް ފަހަތުގައި ހުރި މީހާގެ މަސްއޫލިއްޔަތެކެވެ. އެތަނުގައި، އެ މަޤާމުގައި ހުންނަންވާނީ އެކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެކެވެ.

-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ތިރީގައި މިވަނީ މިއަދުނޫހުގައި އިއްޔެ ޝާއިޢުކުރި ލިޔުމެކެވެ. މިއަދު އަލުން މިގެނެސް ދިނީ ގިނަ ބައަކު ކިޔަނީ ސުރުޚީ އެކަނި ކަމަށްވުމުން މިމުހިންމު ކަންތައް މީހުންގެ ސަމާލުކަމަށް އިތުރަށް ގެނައުމުގެ ގޮތުންނެވެ.

 



މިއީ ރޭގެ މަޣްރިބް ނަމާދުގައި ހަމަ މާލޭގައި ގިނަ ބައަކު ނަމާދުކުރާ މިސްކިތެއްގައި ހިނގި ކަމެކެވެ. މަޣްރިބް ނަމާދުގައި އިމާމް މީހާ 4 ރަކްއަތްކޮށް ސަލާންދީ ނިންމައިލީއެވެ.

އިމާމް މީހާ ސަލާމް ދިނުމުން 4 ރަކްޢަތް ކުރިކަން ފާހަގަކުރެވުނު މީހުން ކުށު ސަޖިދަކުރިއެވެ. އިމާމާއަށް ކަމެއް ގޯސްކޮށް ކުރެވިއްޖެކަން އެނގުނީ މިސްކިތުން ބައަކު ފޭބިވެސް ފަހުންނެވެ. އެނގުމުން އިމާމާވެސް ކުށު ސަޖިދަ ކުރިއެވެ.

އެހާލަތުގައި ދެން ކަންކުރަންވީ ގޮތް ނުއެނގިގެން އެތައް ބައަކު މަޝްވަރާވެސް ކުރިއެވެ. އަލުން ނަމާދުކުރި ބައަކުވެސް ތިއްބެވެ.

އިމާމާއަށް އޮޅުމެއް އަރައިފާނެއެވެ. އެއީވެސް ހަމަ އިންސާނެކެވެ. މިސްކިތުގެ ތިންބައިކުޅަ ދެބައިގައި މީހުން ތިބެ ނަމާދުކުރާއިރު އިމާމާ ރަކްއަތެއް އިތުރަށް ކޮށް ސަލާންދޭއިރު އެކަން އިމާމާގެ ސަމާލުކަމަށް ނުގެނެވުން އެއީ ވަރަށް ދެރަ ކަމެކެވެ. އެއީ މައުމޫން ކުރަން ލާޒިމު ކަމެކެވެ. ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަކު ކުރާނެކަމަށް ބަލައިގެން ދެން ތިބި މީހުން ތިބޭކަށްވެސް ނުޖެހޭނެއެވެ. މިސްކިތުގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް އެކަން އިމާމާގެ ސަމާލުކަމަށް ގެންނަން ޖެހޭނެއެވެ. ޚާއްޞަކޮށް އެކަމަކީ އިމާމް މީހާ އާއި ދިމާއަށް ފަހަތުގައި ހުންނަ މީހާއަށް ކުރުން ވާޖިބު ކަމެކެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ އިމާމާއަށް އެކަން އެންގުމަކީ ވާޖިބެއް ކަމަށާއި އިމާމް މީހާ އެ ތެދުވަނީ އިތުރު ރަކްއަތަކަށްކަން އެނގިހުރެ ފަހަތުން ތެދުވެއްޖެނަމަ އެމީހެއްގެ ނަމާދު ބާޠިލުވެސް ވާނެ ކަމަށެވެ.

ދާދިފަހުން ފަތިސް ނަމާދެއްގައި މިފަދަ ކަމެއް ހިނގިއެވެ. ސަލާމް ދިނުމަށްފަހު އިމާމާ އެންމެންނާއި މުޚާޠަބްކޮށް މައުމޫނުންގެ ޒިންމާ ބުނެދިނެވެ. އަދި އިމާމް މީހާގެ ފަހަތުގައި (ދިމާއަށް) ހުންނަންވާނީ އިމާމް މީހާއަށް ކުށެއް ކުރެވިއްޖެނަމަ ބުނެދެވޭ ފެންވަރުގެ މީހެއް ކަމަށާއި އިމާމް މީހާއަށް ކަމެއް ދިމާވެއްޖެނަމަ އިމާމްވެ ނަމާދުވެސް ކުރެވޭވަރުގެ މީހެއްކަމަށްވެސް ބުނެދިނެވެ.

އެކަމާއި ގުޅިގެން ބައެއް މީހުން ހިތް ހަމަނުޖެހި ވާހަކަވެސް ދެއްކިއެވެ. ނަމަވެސް އިމާމް މީހާ އެ ބުނެދިނީ އެކަން އޮންނަ ގޮތެވެ. ބައެއްފަހަރު އިމާމާ އާއި ދިމާއިން ޖާގަ ހޯދަނީ މިކަންކަމަށް ބަލައިގެނެއް ނޫނެވެ. އެހެންކަމުން މިއީ ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.

 

މިއަދު އޮންލައިން