ބީއެމްއެލްގެ އެކައުންޓުން ބޮޑު ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2 މުވައްޒިފަކު ސަސްޕެންޑްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބީއެމްއެލްގެ އެކައުންޓުން ބޮޑު ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2 މުވައްޒިފަކު ސަސްޕެންޑްކޮށްފި

ދިވެހި ޤައުމީ ބޭންކް ބީއެމްއެލްގެ އެކައުންޓުން ބޮޑު ވައްކަން ކުރި ކަމުގެ ތުހުމަތުގައި 2 މުވައްޒިފަކު ސަސްޕެންޑްކޮށްފި އެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވި ބޭންކުގެ މުވައްޒިފަކު ވިދާޅުވީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން ގެންދާ ކަމަށާއި ވައްކަންކޮށްފައިވާ އަދަދު ފުރިހަމައަށް ސާފުކުރެވޭނީ މިހާރު ކުރިއަށް ގެންދާ އިންޓަރނަލް އޮޑިޓް ނިމުމުން ކަމަށެވެ.

"މިފައިސާތައް ވަގަށް ނަގާފައިވަނީ ކަސްޓަމަރެއްގެ އެކައުންޓަކުން ނޫން. ބޭންކުގެ އޮޕަރޭޝަންސް ތަކަށް ބޭނުންކުރާ ފައިސާ ހުންނަ އެކައުންޓްތަކުން." ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ބޭންކުގެ ކޮންމެ އެކައުންޓަކުން ވައްކަން ކުރި ނަމަވެސް ހިއްސާދާރުންނަށް އެކަމުގެ ގެއްލުން ލިބޭނެއެވެ. ބޭންކުގެ ފައިދާ ބަހާނީ ލިބޭ ގެއްލުންތައް ކަނޑައިކަމަށްވުމުންނެވެ.

ދީނީ ނަޒަރަކުން ބަލައިފިނަމަ މިފަދަ ކަންކަމަކީ ޚިޔާނާތެއް ނޫނެވެ. ވައްކަމެވެ. ޚިޔާނާތަކަށް ވާނީ އެމީހަކާއި ހަވާލުކުރެވިފައިވާ އެއްޗަކަށް ޚިޔާނާތްތެރިވުމެވެ. ބޭންކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާ އަކީ އެއްވެސް މުވައްޒިފެއްގެ ހަވާލުގައި ހުންނަ ފައިސާއެއް ނޫނެވެ. އެފައިސާ ހުންނަނީ އެކަމުގެ ޒިންމާ ބޭންކުން އުފުލަން ޖެހޭ ގޮތަށެވެ.

ވީމާ ބޭންކުގެ އެކައުންޓުގައި ހުންނަ ފައިސާ މަކަރާއި ހީލަތުން ނެގުމަކީ ކުރެވޭ ބޮޑު ވައްކަމެކެވެ. އެހެންކަމުން 10 ވަރަކަށް މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭއިރު މިވައްކަން ކުރި ވަގުންގެ މައްސަލަ ވީއެންމެ އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ރާއްޖެއަށް ބަލައިފިނަމަ ބީއެމްއެލް އަކީ ރައްޔިތުންނާއި ސަރުކާރުގެ އެކައުންޓްތައް އެންމެ ގިނަ އަދި އެބޭންކުން ބުނާފަދައިން އެންމެންގެ ބޭންކެވެ. އެންމެންގެ ބޭނުންކުން ވައްކަން ކުރީމާ އެންމެންނަށް ވެސް ގެއްލުން ލިބޭނެއެވެ. ވީމާ މިބޮޑުވައްކަމަކީ ހަމަ އެންމެންގެ ހައްޤުތަކާއި ގުޅިފައިވާ ބޮޑު ވައްކަމެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން