އައްޑޫސިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދިޔަ ޚިދުމަތްތައް، ކައުންސިލުން ދޭން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 20ސ
އައްޑޫސިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދިޔަ ޚިދުމަތްތައް، ކައުންސިލުން ދޭން ފަށައިފި

އައްޑޫސިޓީގައި ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދެވި ޚިދުމަތްތައް، މިއަދު އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ރަސްމީކޮށް ދޭން ފަށައިފިއެވެ.

ކުރިންވެސް ކައުންސިލުން ދެމުން ގެންދިޔަ މި ޚިދުމަތްތައް އަލުން ކައުންސިލަށް ބަދަލުކުރުމަށް ބޭއްވި ހަފުލާގައި މިކަން ފަށްޓަވައި ދެއްވީ މޭޔަރ އަބްދުﷲ ސާދިޤެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެނޑް ސިވިލްއޭވިއޭޝަން އަހުމަދު އާދިލް އާއި ޓްރާންސޕޯޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީޢު އާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި ކައުންސިލަރުން ބައިވެރިވެވަޑައިގަތެވެ.

ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައިދެއްވަމުން މޭޔަރ ދެއްކެވި ވާހަކަފުޅުގައި މީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ކައުންސިލްތަކަށް ބާރުތައް ދެއްވުމަށް ސަރުކަރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ރައީސުލްޖުމްހުރިއްޔާ އަދި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ކުރައްވަމުންގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

މޭޔަރ ވިދާޅުވީ، ޓްރާންސްޕޯޓްގެ ޚިދުމަތައް ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި އިހުނަށްވުރެވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. މިގޮތުން މަގުތަކުގައި ސައިންބޯޑުތައް ބެހެއްޓުމާއި، ދުއްވާތަކެއްޗަށް ފަސޭހައިން މަގުތައް ބޭނުންކުރެވޭގޮތަށް މަގުތައް މަރާމާތު ކުރުމާއި، ސްޕީޑް ބްރޭކަރުތައް ރަނގަޅުކުރުމާއި، ޕާކިންޒޯންތައް ހެދުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ، އެމިނިސްޓްރީން މަސައްކަތް ކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމަށާއި ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްގެ ބެއްލެވުމުގެ ދަށުން ކަންކަން ކުރިއަށް ގެންދުމަށް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އައްޑޫގައި ދެއްވަމުން ގެންދެވި ޚިދުމަތް ކައުންސިލަށް ބަދަލުކުރެއްވުމުން އެ ޚިދުމަތް މިހާރު ދެއްވާނީ ހިތަދޫ މުނިސިޕަލް ސަރވިސް އޮފީސް ހިނގަމުންދާ އިމާރާތުގައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، އާއްމުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި އައްޑޫސިޓީގެ މަގުތަކާއި، އެއްގަމު އުޅނދާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު އެމް.އޮ.ޔޫ އެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މިއަދު އޮންލައިން