ލިޔުނީ: ޒިދާން މުހައްމަދު
ހުޅުމާލޭ ނުވަތަ ޒުވާނުންގެ ސިޓީގައި އަނެއްކާ ވެސް މާރާމާރިއެއް ހިންގައިފިއެވެ. މިއަދު ހިނގި މި މާރާމާރީގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
އެ ކުއްޖާގެ އިތުރުން، އެހެން ކުއްޖަކަށް ވެސް މި މާރާމާރީގައި ވަނީ އަނިޔާތަކެއް ލިބިފައެވެ. އާސަންދަ ކުންފުނިން ހިންގަމުންދާ ހުޅުމާލެ ހޮސްޕިޓަލުން ބުނީ މާރާމާރީގައި ޒަހަމްވި ދެ ކުދިން އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 12:10 ކަމަށެވެ.
މީޣެ އިތުރުން، ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށާއި ދެކުދިންނަސް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށެވެ. ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާއަށް ފަރުވާދެނީ އެމާރޖެންސީ ރޫމުގައި ކަމަށާއި، އަނެއް ކުއްޖާއަށް ފަރުވާ ދެމުންދަނީ ޑްރެސިންގް ރޫމުގައި ކަމަށް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އިތުރު ތަފްސީލް މިވަޤުތު ދެވެން ނެތް ކަމަށެވެ.