ޒިނޭކުރަން ހިތްވަރުދީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ނުއުޅުމަށް ޑރ. އިޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޒިނޭކުރަން ހިތްވަރުދީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ނުއުޅުމަށް ޑރ. އިޔާޟް ގޮވާލައްވައިފި

ޒިނޭކުރުމާއި އެނޫންވެސް ފާހިޝް އަމަލުތައް ކުރުމަށް ހިތްވަރުދީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ނުއުޅުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  ގޮވާލައްވައިފިއެވެ.

ޑރ. އިޔާޟް ވިދާޅުވީ ޒިނޭއަށް މަގުފަހިކޮށްދީފާނެ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހޭކަން ކީރިތި ޤްރްއާނުން ސާބިތު ކަމަށެވެ. އެކަން ސާބިތުކޮށް ދެއްވައި ޑރ. އިޔާޟް ބަޔާން ކުރައްވާފައިވަނީ ކީރިތި ޤްރްއާނުގެ ސޫރަތުލްއިސްރާގެ 32 ވަނަ އާޔަތެވެ.

އެއާޔަތުގެ މާނައިގައި ވަނީ "އަދި ތިއަބައިމީހުން ޒިނޭ އާއި ގާތް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިކަންބޮޑުވެގެންވެއެވެ." މިފަދައިންނެވެ.  

އެއާއިއެކު ނޫރު ސޫރަތުގެ 19 ވަނަ އާޔަތް ވެސް ޑރ. އިޔާޟް ވަނީ ބަޔާން ކުރައްވައިފައެވެ. އެއާޔަތުގެ މާނައިގައި ވަނީ "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި، ޢަމަލު (ހުތުރުކަން ބޮޑު ޢަމަލު) ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި އާޚީރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުއްޓެވެ.  ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުންނަކަށް ނޭނގެތެވެ." 

"ތިބާ ހައްދަވައި ގެންގުޅުއްވަވާ، ތިބާޢަށް ގުނާ އަދަދު ނުކުރެވޭ ފަދަ ނިޢްމަތް ދެއްވެވި ﷲ އަށް ޙަމްދާއި ޝުކުރު ކުރާށެވެ. ﷲ ނަހީ ކުރެއްވެވި ކަންތަކަށް އަރައްގަންނަމުންދާ ހިނދު ލަދުގަންނަންވީ އަދި ބިރުގަންނަންވީ މީސްތަކުންނަށް އެނގިދާނެ ކަމަކަށް ނޫނެވެ. ﷲ އަށެވެ! 

ތިމާއަށް ﷲ ނުފެނުނުކަމުގައިވި ނަމަވެސް ތިމާ ކުރާ ހުރިހާ ކަމެއް އަދި ބުނާ ހުރިހާ ބަހެއް (ދައްކާ ވާހަކަތައް) އަދި ތިބާގެ ހިތުގައި ފޮރުވާފައިވާ ހުރިހާ ކަމެއް ﷲ ދެކެދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. އެކަންކަން ހަނދުމަކުރާށެވެ! މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ނުއުޅޭށެވެ." ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން