އަންހެނުންނަށް ހަމަހަމަ ފުރުޞަތެއް އޮންނަން ޖެހޭތޯ, މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ: މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަންހެނުންނަށް ހަމަހަމަ ފުރުޞަތެއް އޮންނަން ޖެހޭތޯ, މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ: މިނިސްޓަރ

ދުނިޔޭގެ އާބާދީއާއި، ރާއްޖޭގެ އާބާދީގައި 50 އިންސައްތަ އަންހެނުން ޙިއްޞާކުރާ އިރު، އަންހެނުންނަށް ހަމަހަމަ ފުރުޞަތެއް އޮންނަން ޖެހޭ ތޯ މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިންވަނަ ދައުރުގެ އިންތިޚާބީ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ގޮތުން ރަސްރަނި ބަގީޗާގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ހަމަހަމަކަމުގެ ވާހަކަ ދައްކާ އިރު، ސަފުތައް އަތުރާލުމުގައި ތަފާތުތަކެއް އެބަ ހުރި ކަމަށާއި، މިއަދު މި ފެނިގެން ދަނީ އަންހެނުން ސަފާ ހަމަކުރަން މަސައްކަތްކުރާ މަންޒަރު ކަމަށެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ އަންހެނުންނަށް ވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ހުރަހެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި، އެހެން ނަމަވެސް އަންހެނުން އިންތިޚާބުތަކުގައި ވާދަކުރުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ. އެ ގޮތުން އިޤްތިޞާދީ ގޮތުންނާއި މުދަލުގެ އޯނަޝިޕް އޮތުމުގައި އަންހެނުންގެ ޙިއްޞާ ކުޑަ ކަމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ވެސް ކުޑަ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ހަމަ އެހެންމެ، ސިޔާސީ ހަރަކާތްތަކުގައި ގިނަ އަންހެނުން ބައިވެރިވި ކަމުގައި ވިޔަސް، ހަޤީޤަތުގައި ސިޔާސީ މަޤާމުތަކުގައި މި ނިސްބަތް ދަށް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ބަޔަކަށް ވެއްޖެ ނަމަ، އެ ކަމުގެ ފައިދާ ފިރިހެނުންނަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކުރާނެކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަންހެނުންގެ ތަރައްޤީއަށް ވާހަކަ ދައްކާތާ ޒަމާންތަކެއް ވެއްޖެ ކަމަށް ވިދާޅުވެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށުތެރެ ސާފުކުރުމާއި، ކެއިން ބުއިމުގެ އިންތިޒާމުތައް ހަމަޖައްސާ ބައެއްގެ ގޮތުގައި ދެކޭ ވިސްނުން ވެސް މުޖުތަމަޢުގެ ތެރޭގައި އެބަ އޮތް ކަމަށް ވިދާޅުވިއެވެ. އަދި އެ ފަދަ ކަންކަން ބަދަލުކުރަން ޖެހޭ ކަން ފާހަގަކުރައްވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޑެފިނީޝަން މިއަދު ބަދަލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިއަދު އޮންލައިން