ކަނޑުމަގުން އެތެރެކުރި 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަނޑުމަގުން އެތެރެކުރި 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއަށް ކަނޑުމަގުން އައި ކާރގޯ އުޅަނދަކުން 2.12 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްނެންގެވުމާއެކު ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން 16 ޖެނުއަރީ 2019 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ކަސްޓަމުން ބުނެފައިވަނީ މިއުޅަނދު ބަލާފާސްކުރުމުގައި މުދާތަކުގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްފެނި، އިތުރަށް ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށްވަނީ ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގަކީ 1 މިލިއަން ރުފިޔާކަމަށް އަންދާޒާކުރެވޭކަމަށެވެ.

މީގެއިތުރުން ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންވެސް ކަސްޓަމްސް އިން ވަނީ މަސްތުވާތަކެތި  އަތުލައިގެންފައެވެ.

ކަސްޓަމުން ބުނެފައިވަނީ 16 ޖެނުއަރީ 2019 ވަނަ ދުވަހު ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލާފާސްކުރުމުން މީނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއްގައި 1936 އޮރެންޖު ކުލައިގެ ގުޅަތަކެއްވަނީ ފެނިފައިވާކަމަށެވެ. މިތަކެތި ތަހުލީލުކުރިއިރުވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓެމައިން (ޔާބާ) އަށް ޕޮޒިޓިވް ވެފައެވެ.މިތަކެތީގެ މަގުމަތީ އަގަކީ 2 ލައްކަ ރުފިޔާކަމަށް އަންދާޒާކުރެވޭކަމަށެވެ.

މި ދެމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

މިއަދު އޮންލައިން