ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ޕާޓީން ޓިކެޓް ހަވާލު ނުކުރަނީސް އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލާން ވިދާޅު ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ދަނގެތި ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ކެންޕޭނު ފެށުމަށާއި ޖަގަހަ ހުޅުވުމަށް މިރޭ މާވެޔޮ މަގުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ކާނަލް ނާޒިމަކީ ދާއިރާގެ މެންބަރުކަމަށް ވަރަށް ޤާބިލު ބޭފުޅެއް ކަމަށާއި އެހެންކަމާއިއެކުވެސް ޕާޓީން ޓިކެޓް ރަސްމީކޮށް ޙަވާލު ނުކުރަނީސް ނާޒިމަށް ނަމަވެސް ވޯޓުލާން ރައްޔިތުންގެ ގާތު ވިދާޅުނުވާނެ ކަމަށެވެ. "އެއިގެ ކުރިން ވަކި ކެންޑޭޓަކަށް ވޯޓުލާން އަޅުގަނޑު ބުނުމަކީ ޑިމޮކްރަސީއެއް ނޫން. އެކަންވާނީ ޑިކްޓޭޓަރޝިޕަށް. ޑިމޮކްރަސީގެ ވާހަކަ ދައްކަމުން އެގޮތަށް ކަންކަން ކުރީމަ ދައްކާ ވާހަކައަކާ ކުރާކަންތައް ދިމައެއް ނުވާނެ."
ޤާސިމް އިބްރާހީމް ވިދާޅުވީ ނާޒިމަކީ ވަރަށް ގިނަ ދާއިރާތަކުން ޤައުމަށް 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކަށްވުމުން ތަޖުރިބާތައް ވަރަށް ގިނަވާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ވޭން އެޅީމާ ކުރަން ޖެހޭ އިހްޞާޞްތައް އެނގޭނީ އެމީހަކަށް އެކަމެއް އިޙްޞާޞްކުރަން ޖެހުމުން ކަމަށެވެ. "މުލިއްސެއް ޖަހައި ރިއްސީމާ އަޅާ ވޭން އެނގޭނީ އެ ތަދު އިޙްޞާޞްވީމަ. ހުންގަދަވީމާ ހޫނުވާވަރު އެނގޭނީ ހުން އަމީހަކަށް ޖަލުގެ ކުޑަ ގޮޅީގައި އޮންނަން ޖެހުމުން އަޅާ ވޭނާ ގޮޅީގެ ހޫނުކަން އެނގޭނީ ޖަލުގެ ގޮޅިއެއްގަ އޮންނަން ޖެހުނު މީހަކަށް. ކޮންކްރީޓް ސެލްއެއް ހަދައި ހަމައެކަނި 2 ފޫޓު ދޮރަކުން ވައިކޮޅެއް ލިބޭ ގޮޅިއެއްގަ އޮންނަން ޖެހުނު މީހަކަށް އިޙްޞާޞް ކުރެވޭނީ އެކަމުގެ ސަބަބުން އަޅާ ވޭނާ ކުރިމަތިވާ ޞިއްހީ މައްސަލަތައް. ޚާއްޞަކޮށް ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހަކަށް އެނގޭނީ އެކަމުން އުޅެންޖެހޭ ޙާލު."
މިފަދަ ކަންކަމުގެ ސަބަބުން ޤައުމުގެ ކަންކަން މިދަނީ ކުރިއަށްކަން ނުވަތަ ފަހަތައް ކަމާއިމެދު ސުވާލު އުފެދޭ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.