ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލައި ފިތުނަ އުފެއްދުމަކީ ކުށެއް ކަމަށާއި އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް ވާހަކަތައް ދެއްކުމަކީ މަޖިލީހުގައިވެސް ކުރަން ހުއްދަ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކާނަލް ނާޒިމްގެ ކެންޕޭނު ލޯންޗްކުރުމަށާއި ޖަގަހަ ހުޅުވުމަށް މިރޭ މާވެޔޮ މަގުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ މުސްލިމް ޤައުމަކަށްވީހިނދު ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖޭގައި އިސްލާމީ ވަންތަކަން ދަމަހައްޓައި އަންހެނުންނަށާއި ފިރިހެނުންނަށް ލިބެންޖެހޭ ޙައްޤުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"ބައެއް އަންހެން ކުދިން 9 އަހަރުވުމުން ބާލިޣްވޭ. އެހިސާބުން އެކުދިންނަށް ކުދިން ނުލިބޭ ގޮތް ހަދަން ދަންނަވާކަށް ނޫން އަޅުގަނޑު އައިސް މިހުރީއަކީ. އަޅުގަނޑު އެއްގޮތަކަށްވެސް ނެތިން ﷲ ތަޢާލާ ހައްދު ކަނޑައަޅުއްވަވާފައިވާ ކަންކަމުގެ މައްޗަށް އަރައިގަނެ އަޅުގަނޑުމެގެ އޮތް އަޚްވަންތަކަމާއި އިސްލާމް ދީން ނަގައި ފުނޑުފުނޑުކޮށްލަން ހިތްވަރުދޭކަށް. އަޅުގަނޑު މިތަނަށް އައިސް މިހިރީ ދިވެހި ރައްޔިތުންނަށް މިޤައުމު ސަލާމްތަކޮށްދީ އަމާންކަމާއި އުޖާލާކަމާއި ފާގަތިކަން ގެނެސްދިނުމަށް މަސައްކަތް ކުރުމަށް."
ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމީ ޚިދުމަތަށް އެމަނިކުފާނު ނުކުމެވަޑައިގަތީ މުދަލާއި އަނބިދަރިން މަދުވެގެން ނޫނީ ފަރިއްކުޅުއްވަން ލިބިވަޑައި ނުގަންނަވައިގެން ނޫން ކަމަށެވެ. "ރަށަށް އަރުވާނަމަ ތުންބުރިކާޅުވެސް ކާނެ ކަމަށް ބުނަނީ. އެހެންވީމާ ރާއްޖެ މުއްސަނދިވެ ކުރިއަރާނަމަ އަޅުގަނޑަށްވެސް ފައިދާކުރާނެ."
ޤާސިމް އިބްރާހީމް މިރޭވެސް ވަނީ ރާއްޖޭގެ ހާލަތު އިޞްލާޙްކުރަން ތައުލީމީ މީހުން ނުކުތުމަށް ގޮވާލައްވައިފައެވެ. "މިޤައުމުގަ ތިބީ ކަންކަން މައްޗަށް ބިއްޖެހިފަ ތިބި ބައަކު ކަމަށް ބައެއް މީހުންނަށް ހީކުރެވުނު ނަމަވެސް އެއީ ހަޤީޤަތެއް ނޫން. ފުރަތަމަ ޑިގްރީން ފެށިގެން މާސްޓަރސް ފެންވަރަށް ކިޔަވައިގެން ތިބި ޒުވާނުން ވަރަށް ގިނަ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މަތީ ތައުލީމު ޙާޞިލުކޮށްގެން ތިބި ޒުވާނުންގެ އަދަދު 30 އިންސައްތައަށް އަރާނެ."
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލައި މުޖުތަމައުގައި ފިތުނަ ފަސާދަ އުފައްދަން ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް އެކަން ރައްޔިތުން މިއަދު ޤަބޫލުނުކުރާނެ ކަމަށާއި އެއަށްވުރެ ރައްޔިތުންގެ ހޭލުންތެރިކަން ކުރިއަރައިފި ކަމަށެވެ. "އެއީ ކަނޑައެޅިގެން. މުއައްސަސާތަކާއި ޝަރުޢީ ނިޒާމު ގޯސްކޮށް ވާހަކަ ދައްކަނީ ކޮން މަޤްޞަދެއްގައިކަން އަޅުގަނޑުމެންނަށް އެނގޭ. އެކަކު މަޖިލީހުގަ ތަޅުއަޅުވާނެ. އަނެކަކު ކޯޓުތަކުގައި ތަޅުއަޅުވާނެ. މިއީތޯ މިކަން ކުރަން އޮންނަ ގޮތަކީ."
މިރޭ ކާނަލް ނާޒިމް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ބަންދުކޮށް ޖަލަށްލުމުން އެހާލަތުން ސަލާމަތް ކުރެއްވުމަށް ޤާސިމް އިބްރާހީމް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެއްވިކަން ފާހަގަކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހައްޤު ނޫން ދައުވާއެއް އުފުލުމުންވެސް ވާނީ ރައީސް ނަޝީދުގެ ދިފާއުގައި މަސައްކަތްޕުޅު ކުރައްވަވާފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެއްވެސް މީހަކަށް އިންޞާފު ނުލިބިދާނަމަ އެކަމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.