ލިޔުނީ: ޒިދާން މުހައްމަދު
ރޭ ދަންވަރުގެ ވަގުތެއްގައި ކާނިވާ ސަރަހައްދުން 17 އަހަރުގެ ކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގަި، ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ރޭ 00:05 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ މިހާރު ބަލަމުންދާއިރު، އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ ނުދެއްވައެވެ.
ރޭ ދަންވަރު ހިނގި މާރާމާރީގައި ޒަހަމްވި ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ. އެހެން ކަމުން އޭޑީކޭ ހޮސްޕިޓަލުގައި ދޭންޖެހޭ ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.
މި ފަހަކަށް އަައިސް މާޅެ އަދި ހުޅުމާލޭގައި މާރާމާރީތައް ގިނަކަން ފާހަގަކުރެވެއެވެ. އަދި މަކަމާ ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ހިންގަން ފުލުހުން ވަނީ ފަށާފައެވެ،