ސެނަހިޔާ ކައިރިން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މިއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 23:15 ހާއިރުއެވެ.
މިއެކްސިޑެންޓު ހިނގާފައިވަނީ މޫންލައިޓް ހިނގުން (ރިންގް ރޯޑް) ގެ ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، އެމަގުން އުތުރުން ދެކުނަށް ދުއްވާފައި އައި (ބުރުޒު މަގަށް އަޅަން އުޅުނު) ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ސެނަހިޔާ ކައިރިން ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުކުރުން 17 އަހަރުގެ ކުއްޖަކަށާއި، 19 އަހަރާއި 21 އަހަރުގެ ދެ މީހަކަށެވެ. މިއެކްސިޑެންޓު ހިނގި އެއް ސައިކަލު ދުއްވަން އިނީ އުމުރުން 17 އަހަރުގެ ކުއްޖާ ކަމަށާއި އަނެއް ސައިކަލު ދުއްވަން އިނީ 19 އަހަރުގެ މީހާކަމަށް މައުލޫމާތު ލިބެއެވެ.
ސައިކަލު ދުއްވަން އިން ދެ ފަރާތަކީ ވެސް އިންޖީނުލީ އެއްގަނމު އުޅަނދު ދުއްވުމުގެ ހުއްދަ އޮތް ދެ މީހުން ނޫން ކަމަށާއި 21 އަހަރުގެ މީހާ އިނީ 19 އަހަރުގެ ފިރިހެން މީހާ ދުއްވަން އިން ސައިކަލު ފަހަތުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.