މުރުތައްދުވެ އިސްލާމް ދީނަށް ފުރައްސާރަކުރަމުން ގޮސް އެކަން ހައްދުފަހަނައަޅައި ދިއުމުން އިސްލާމިކް މިނިސްޓރީން ނެރޭ ބަޔާނުގައި "އިސްލާމް ދީނާއިމެދު ޝައްކާއި، ވަހުމާއި، ނަފުރަތު އުފެދޭ ގޮތަކަށް ނުވަތަ ދީނުގެ ހުކުމްތައް އޮޅޭ ގޮތަށް ނުވަތަ ދީނަށް ފުރައްސާރަކުރެވޭ ފަދަ މޭރުމަކުން ވާހަކަ ދައްކައި، ޝަރީއަތަށާއި ﷲގެ އާޔަތްތަކަށް، މަލާމަލާމާތްކޮށް ފުރައްސާރަކުރާ މީހުންނަށް ﷲގެ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމަށް" ވިދާޅުވަމުން އެއީ ފުދުނީ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ދެއްކި ވާކަތައް އެއީ މުރުތައްދުވުން ކަމަށް ރާއްޖޭގެ އެންމެ ބޮޑެތި ދީނީ ޢިލްމުވެރިންގެ އެންމެ އިސް ސަފުގައި ހުންނެވި ފަޟީީލަޔުއްޝައިޚް އިލްޔާސް ހުސައިން އެވަނީ ކަނޑއަޅުއްވަވައިފައެވެ. ވީމާ އެއީ އެކަން އޮތް ގޮތްކަން މިވަނީ ވަރަށް ރަނގަޅަށް އެނގިހާމަވެފައެވެ.
އިސްލާމިކް މިނިސްޓްރީއަކީ ތަންފީޒީ އިދާރާއަކަށް ނުވުމުން މީހުން ހާޒިރުކޮށް އަދަބު ނުދެވުނު ނަމަވެސް ކަމާއި ބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅުއްވައި އަދި އެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވެންވާނެއެވެ. އެގޮތުން ހުށަހަޅުއްވާ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކާއި ހިއްޞާ ކުރެއްވުމުން މީޑިއާތަކުން މީޑިއާތަކުގެ ދައުރު އަދާކުރާނެއެވެ. ފުލުސް އޮފީހަށް ދުވާލަކު 3 ފަހަރު ގޮސްގެން ނަމަވެސް އެކަމެއް ކުރިއަށްދާ މިންވަރު ބަލައި ރައްޔިތުންނަށް ހާމަކުރާނެއެވެ. އެކަން އެގޮތަށް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިއަދުނޫހުން އިސްލާމިކް މިނިސްޓަރީ އަށާއި ދިވެހި ރައްޔިތުންނަށް އަރުވަމެވެ.
މުރުތައްދުވުމާއި އިސްލާމް ދީނާއިމެދު ޝައްކު އުފެއްދުމުގެ އަމަލުތަކަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ކުށްތައް ކަމުގައި ނުވޭތޯއެވެ؟ އެފަދަ ބޮޑެތި ކުށްތައް ކުރުމުން އަދަބު ނުދީ ދެން އަދަބު ދޭން ޖެހޭނީ ކޮން ކުށަކަށްތޯއެވެ؟ އިސްލާމިކް މިނިސްޓްރީގެ ޖަވާބު ބޭނުންވެއެވެ. މި ދެ ސުވާލަށް ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ޖަވާބުވެސް ބޭނުންވެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޖަވާބުވެސް ބޭނުންވެއެވެ. ކޯލިޝަނުގައި ހިމެނޭ 4 ޕާޓީގެ ވެރިންގެ ޖަވާބުވެސް ބޭނުންވެއެވެ. ޚާއްޞަކޮށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ގެ ޖަވާބު ވަރަށް ބޮޑަށް ބޭނުންވެއެވެ.
އިސްލާމް ދީން ހިމާޔަތް ކުރުމުގައި ސަރުކާރު ފޭލްވެއްޖެނަމަ އެކަންކަން ބަދަލުކުރަން ނުކުތުމަކީ ސަރުކާރު ގެނައުުމަށް ވޯޓުލީ ރައްޔިތުންގެ ޒިންމާއަކަށްވާތީ އެކަން ކުރަން ރައްޔިތުން ނުކުތުމުން ބަޣާވާތްކުރީ ކަމަށް ބުނުމަކީ ޙައްލެއް ނޫން ދޮގެއްތޯއެވެ؟