ލިޔުނީ: ޒިދާން މުހައްމަދު
ހުޅުމާލޭގައި ކުއްލި ގޮތަކައް މަރުވެފައި އޮއްވާ ފެނުނު އުމުރުން 27 އަހަރުގެ އަންހެން މީހާގެ މަރުގެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލާފައި ވަނީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުންނެވެ. ނަމަވެސް، އޭޏާގެ މައްޗަށް ސީދާ ކުރެވުނު ތުހުމަތެއް އަދި އޭނާ ދޫކޮށްލި ސަބަބެއް ވެސް އަދި އެނގިފައި ނުވެއެވެ. ހުޅުމާލެ އަމީން އެވެނިގައި ދިރިއުޅޭ ވިޝާމާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ، އޭނާ ގެންދެވުނު ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.
ވިޝާމާ މަރުވީ ކީއްވެގެން ކަމެއް އަދި އެނގިފައި ނުވި ނަމަވެސް، އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށް ހުޅުމާލޭން މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ އަޅުގަނޑުމެންނަށް ލިބޭ ގޮތެއް ނުވެފައެވެ.