އިނގިރޭސިވިލާތާ އިތުރަށް ގުޅުން ބަދަހިކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ އިނގިރޭސި ސަފީރު މަޝްވަރާ ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިނގިރޭސިވިލާތާ އިތުރަށް ގުޅުން ބަދަހިކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ އިނގިރޭސި ސަފީރު މަޝްވަރާ ކުރައްވައިފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙީމް އާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޭމްސް ޑޯރިސް މަޝްވަރާ ކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ދެ ބޭފުޅުން މި ކަމާމެދު މަޝްވަރާ ކުރެއްވީ، އިނގިރޭސި ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކަމަށެވެ. 

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒަމާނުއްސުރެ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތަށް މަރުޚަބާ ވިދާޅުވިއެވެ. އަދި ދިވެހިންނަށް ފަސޭހައިން އިނގިރޭސި ވިސާ ލިބޭނެގޮތް ހައްދަވާފައިވާތީ، އެކަން ފާހަގަކުރައްވާ އިނގިރޭސި ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ. 

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއިބެހޭ ގޮތުން ސަފީރަށް މަޢުލޫމާތު އަރުވާފައެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޭމްސް ޑޯރިސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ރަހުމަތްތެރި ގުޅުން އެކިދާއިރާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ބަދަހި ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަން ފާހަގަކުރައްވާ، އިނގިރޭސިވިލާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ޚަބަރު: މަޖިލީހުގެ އިދާރާ

 

މިއަދު އޮންލައިން