ޖުމްހޫރީ ޕާޓީން ކަމެއް ކުރާނަމަ ސިއްރަކުން ނުކުރާނެ ކުރާނީ ޕޯޑިއަމްގަ އިއުލާނުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ކުރީގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކަށް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ހުށަހެޅި އިޞްލާޙް ހުށަހެޅުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް ދައުރެއް ނެތްކަން ބަޔާން ކުރައްވަމުންނެވެ.
ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ މަޖިލީހުގެ ތެރެއިން ޤާނޫނާ ޚީލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ނުވެސް ކުރުވޭނެ ކަމަށެވެ. އަދި މަޖިލީހަށް އެއްވެސް މެންބަރަކު މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް އެޖެންޑާ ކުރެވޭނީ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުތަކުގެ ތެރެއިން ކަމަށެވެ. ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.