1.4 ބިލއަން ރުފިޔާއަށް ކުރި ވައްކަން ވާނީ ސައިބޯނި ބޮތްކަކަށް ކަމަށް ވިދާޅުވި ހަނދާން އެބަހުރިތޯ ޑރ. އިޔާޟް ނިހާންއާ ސުވާލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
1.4 ބިލއަން ރުފިޔާއަށް ކުރި ވައްކަން ވާނީ ސައިބޯނި ބޮތްކަކަށް ކަމަށް ވިދާޅުވި ހަނދާން އެބަހުރިތޯ ޑރ. އިޔާޟް ނިހާންއާ ސުވާލުކުރައްވައިފި

ރާއްޖޭގެ ތާރީޚުން މިހައިތަނަށް ފެނިފައިވާ އެންމެ ބޮޑު ވައްކަން ކަމަށްވާ އެމްއެމްޕީއާރުސީން 1.4 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވާކަން އޮޑިޓް ރިޕޯޓްތަކުން ސާބިތުވާ މައްސަލައަކީ ފުލޯކު ވާހަކައެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން 1.4 ބިލއަން ރުފިޔާއަށް އެރި ވައްކަން ވާނީ ސައިބޯނި ބޮތްކަކަށް ކަމަށް ވިދާޅުވި ހަނދާން އެބަހުރިތޯ ޑރ. އިޔާޟް، ނިހާން އާއި ސުވާލުކުރައްވައިފި އެވެ.

ޑރ. އިޔާޟް މިމޭރުމުން ސުވާލު ކުރެއްވީ "ލާދީނީ ބައިގަނޑު ހިލިގަތީ އިލްޔާސް (ޝައިޚް އިލްޔާސް ޙުސައިން) އިސްވެ ހުރެ ގެނައި ސަރުކާރުގެ މަކަރުވެރި ރޭވުމުގެ ދަށުން" ކަމަށް ނިހާން ވިދާޅުވުމުން ދެއްވި ޖަވާބެއްގައެވެ.

ޑރ. އިޔާޟް ވިދާޅުވީ އެކަން އެހެންވީ އަހްމަދު ނިހާން މެންނަށް ބާރު ލިބުނު ދުވަހު ޤައުމުގެ މަޞްލަހަތަށްވުރެ އަމިއްލަ މަޞްލަހަތު ބޮޑުކޮށް، އިޚްލާޞްތެރިކަމާއިއެކު ދެވުނު އިރުޝާދުތަކަށް ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކަމަށެވެ. އަދި ސައިބޯނި ބޮތްކެއްގެ ވާހަކަ ހަނދުމަފުޅު އެބަހުރިތޯ ވެސް ޑރ. އިޔާޟް ވަނީ ސުވާލު ކުރައްވައިފައެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު މި ބޮޑު ވައްކަން ކުރިއަށް ގެންދާތީ އެކަމުގެ ވާހަކަތައް ރައީސް ޔާމީނަށް އަދާލަތު ޕާޓީން 3 ފަހަރުމަތިން ދެންނެވުމުން ވެސް މި ބޮޑު ވައްކަން އެމީހަކު ލައްވައި ރައީސް ޔާމީނު ކުރުވަމުން ގެންދިއަ އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު، ރައީސް ޔާމީނު ސިފަ ކުރީ އިސްލާމީ ތާރީޚުގައި "ސައިފުލްއިސްލާމް"ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ، މުޅި އިސްލާމީ އުންމަތް އެބޭކަލަކަށްޓަކައި ފަޚުރުވެރިވާ ޚާލިދު ބުނި ވަލީދު ކަމުގައެވެ.

އެއިރު އެ ފައިސާތައް މަތީގައި އަދީބު އުދުހެމުން ދިއަކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެނގޭއިރު ވެސް އެކަން އޮޅުވައިލުމުގެ ގޮތުން ނިހާން ވަނީ އަދީބަކީ ގެންގުޅުއްވާ ފޯނުގެ ޑިސްޕްލޭ ތަޅައިގެން ދިއުމުން ފޯނެއްވެސް ނުގަނެވޭ ފެންވަރުގެ ފަޤީރު ހާލުކޮޅުގައި ހުންނެވި ބޭފުޅެއްކަމަށް ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެފައެވެ.

އަދީބު މިހާރު އެހުންނެވީ ޝަރީއަތަށް އެއްބާރުލެއްވުން ދެއްވަން ތައްޔާރަށްކަން އަދީބު ވަނީ ހާމަކުރައްވައިފައެވެ. އަދީބުގެ ހަމައެކަނި ޝަކުވާއަކީ އެ ވައްކަމުގައި ބައިވެރިވާ ރައީސް ޔާމީނު ބަންދު ނުކޮށް އަދީބު ބަންދުގައި ބަހައްޓާކަމެވެ. އަދި ރިޔާސީ ލޯންޗްކޮޅު ގޮއްވައިލުމުގައި އަދީބުގެ އެއްވެސް ދައުރެއް ނެތްކަން ސާބިތު ކޮށްދެއްވޭނެކަމަށްވެސް އަދީބު ގެންދަވަނީ ވިދާޅުވަމުންނެވެ. އަދީބު ގެންދަވަނީ އެ މައްސަލައިގައިވެސް އިންޞާފަށް އެދިވަޑައިގަންނަވަމުންނެވެ.

މިއަދު އޮންލައިން