މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 55ސ
މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފި

މިދުވަސްވަރަކީ އޮޔެ ބާރު ދުވަސްވަރަކަށް ވުމާއެކު، މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ. 

ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫދުގައި ހިނގާ ހާދިސާތައް މިދުވަސްވަރު ގިނަވެފައިވާތީ އެކަން ފާހަގަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫދަށް އެރި އުޅުމާއި މޫދުގައި އެކިއެކި ހަރަކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ފަތުރުވެރިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް މުދަށް އެރޭއިރު ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. 

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ، ޚާއްސަކޮށް މިދުވަސްވަރު އިރުވައި މޫސުމުގެ ވަޔާއެކު އޮއިވަރުވެސް ބާރު ކަމަށް ފާހަގަ ކުރެވޭތީ ފަތަން ނުދަންނަ މީހުންނާއި ކުޑަކުދިން މޫދަށް އެރި އުޅުމުގައި ބޮޑަށް  ފަރުވާތެރިވުމަށާއި ފަތުރުވެރިން މޫދަށް އެރި އުޅުމުގައި ވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިލައްވާ ކަމަށެވެ. 

ފަތުރުވެރިންނަށް މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް އިތުރުވަމުންދާތީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިއަދު އޮންލައިން