ކުރީގެ ޔޫތް މިނިސްޓަރު އިރްތިޝާމް އާދަމް ޖޭޕީ އާ ގުޅިވަޑައިގެންފިއެވެ.
މިކަމަށްޓަކައި ޖޭޕީގެ މައި މަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިރްތިޝާމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަމަވެސް ޖޭޕީ އަކީ އެކަމަނާ ގުޅިވަޑައިގަންނަވާ ފުރަތަމަ ސިޔާސީ ޕާޓީކަމަށެވެ.
"ޚާރިޖީ ދާއިރާގައި މަސައްކަތްކުރިއިރު އަބަދުވެސް މަސައްކަތްކޮށްފައިވާނީ ރާއްޖޭގެ މަޞްލަޙަތު ކުރިއަރުވައި ރާއްޖެ ތަމްސީލުކުރަން. ރައީސް މައުމޫނުގެ ވެރިކަމުގައި ލަންޑަންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެންމެ އިސް ޑިޕޮލޮމެޓުގެ ގޮތުގައި ވެސް މަސައްކަތްކުރިން. ނިވްޔޯކުގައި ހުންނަ އެމްބަސީގައި ޑިޕިޔުޓީ އެމްބެސެޑަރުގެ ގޮތުގައިވެސް މަސައްކަތް ކުރިން. އެމްޑީޕީގެ ވެރިކަމުގައި ޖެނީވާގައި ހުންނަ ސަފީރުކަމުގެ މަޤާމު އަދާކުރިން. އެއިރު ސަފީރު ކަމުގެ އިތުރު 6 މަޤާމެއްވެސް އަދާކުރިން. ޑރ. ވަޙީދުގެ ސަރުކާރުގައިވެސް ޖެނީވާގައި ހުރެ ހަމަ އެ މަޤާމުތައް އަދާކުރިން. ރައީސް ޔާމީނުގެ ވެރިކަމުގައި ފުރަތަމަ އަދާކުރީ ލޯ އެންޑް ޖެންޑަރ މިނިސްޓްރީގެ ނައިބްކަން. އެއަށްފަހު ހެލްތް މިނިސްޓަރު ކަމާއި ޔޫތް މިނިސްޓަރުކަން ވެސް ކުރިން."
އިރްތިޝާމް ވިދާޅުވީ އެކަމަނާއަކީ ކޮންމެ މަޤާމެއްގައިވެސް ވަރުބަލިކަމެއް ނެތި ވަރަށް ބުރަކޮށް ކުރެއްވި ބޭފުޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ހަމަ އެހައި ބުރަކޮށް މަސައްކަތް ކުރައްވައި ޤައުމަށް ޚިދުމަތް ކުރައްވަން އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ، މިހާރުވެސް ކުރީގެ މިނިސްޓަރުންނާއި ތަފާތު ދާއިރާތަކުގެ އިސްބޭފުޅުން ތިއްބެވި ޕާޓީއަކަށްވުމުން ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސަކަތްކެއް އިޚްލާޞްތެރި ކަމާއިއެކު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.