ސަރުކާރު ކޯލިޝަނުގެ ލީޑަރަކު އަމަލުކުރައްވަމުން ގެންދަވާ ގޮތުން ކޯލިޝަން ލީޑަރުންގެ މަސްއޫލިއްޔަތާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ރައްޔިތުންނަށް އޮޅެމުން އަންނަ ކަމަށާއި އެއީ އެއްވެސް ލީޑަރަކު ކުރައްވައިގެންވާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޔޫތް މިނިސްޓަރު އިރްތިޝާމް އާދަމް އާއި މިލަދޫ ޢަބްދުއްސަތާރު މުޙައްމަދު ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް މިރޭ ޖޭޕީގެ މައި މަރުކަޒް މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަނުގެ ލީޑަރުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ވައުދުތައްވެ، ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ހާމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރާއިމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ކޯލިޝަނުގެ ލީޑަރުން ހާމަކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ހާމަކުރުމަށް އެދިވަޑައިގަންނަވާ ކަންކަން ކަމަށެވެ.
"އަޅުގަނޑަކީވެސް ކޯލިޝަނުގެ ލީޑަރެއް. ރައީސުލްޖުމްހޫރިއްޔާ އާ ދުރު މީހެއް ނޫން. ދުރުވާކަށް ނުވެސް ޖެހޭނެ. އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތްތައް ވެސް ކުރެވުނީ މިތަނުގަ (ކުނޫޒުގަ). ދެން އަޅުގަނޑު ތަންތަނުގައި ހުރެ ރައީސުލްޖުމްހޫރިއްޔާ ދައްކަވަން ޖެހިވަޑައިގަންނަވާ ވާހަކަފުޅުތައް ދައްކަން ފެށީމާ ކިހިނެއްތޯ ވާނީ؟ އެއީ އެއްގޮތަކަށްވެސް އެކަން ކުރަން އޮތް ގޮތެއް ނޫން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި ކޮންމެ ގޮތަކުން ގޮސް ނަމަވެސް ރައްޔިތުން އެމިހުންގެ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކޮށްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށާއި އެކަން ޤަބޫލުކޮށް ވެރިކަން ކުރެއްވުމުގެ ފުރުޞަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވަން ޖެހޭނެ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.