ބްރިޖު ހައިވޭ މަތީގައި ކުޑަކުއްޖަކު ލައްވާ ސައިކަލެއް ދުއްވި މައްސަލަ ފެންމަތިވެ، ފުލުހުން ބަލަން ފަށައިފިއެވެ.
ހައިވޭގައި ކުޑަ ކުއްޖަކު ލައްވާ ސައިކަލު ދުއްވާ ވީޑިއޯއެއް ދާދިފަހުން މީސްމީޑިއާގައި އާންމުވެފައިވާއިރު އެކަމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފައެވެ.
މިކަމާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވެފައިވަނީ، އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ފުލުހުން މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މީސްމީޑިއާގައި އާންމުވެފައިވާ މިވީޑިއޯއިން ފެންނަ ގޮތުގައި، ސައިކަލު ދުއްވަން އިން ފިރިހެން މީހާ އިނީ އުމުރުން 10 ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ކުރިއަށް ލައިގެންނެވެ. އަދި ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެން އެކުއްޖާ ސައިކަލު ދުއްވިއެވެ.