ފިތުނަ ފަސާދަ އުފައްދައި ޚަރާބުކުރަން މަސައްކަތް ކުރުމުގެ ބަދަލުގަ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރުން މާ މުހިންމު: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ފިތުނަ ފަސާދަ އުފައްދައި ޚަރާބުކުރަން މަސައްކަތް ކުރުމުގެ ބަދަލުގަ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރުން މާ މުހިންމު: ޤާސިމް

ފިތުނަ ފަސާދަ އުފައްދައި ޤައުމުގެ ކަންކަން ޚަރާބުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރުން އެންމެންނަށްވެސް މާ މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖޭޕީގެ މައި މަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޤާސިމް އިބްރާހީމް އަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޤާސިމް އިބްރާހީމްއަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ފިތުނަ ފަސާދަ އުފައްދަން ބައަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެބަ އުޅޭ ކަމަށާއި އެކަމުގައި އިސްކޮށް ހުންނެވީ ޤާސިމް އިބްރާހީމް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަހަކަތަކަކީވެސް އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ވެސް ހަމަ ފިތުނަ ފަސާދަ އުފައްދުވަން ބޭނުންވެގެން ފަތުރާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަކީ އެހައިން ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. ކޮބައިތޯ ސަބަބު؟ ކީއްތޯ އެމަނިކުފާނު ޤާނޫނާ ޚިލާފަށް ކުރެއްވީ؟ އެބާވަތުގެ ދޮގުވާހަކަތައް ފަތުރާއިރު މިހުރިހާ ކަންކަމަށްވެސް ވިސްނައިލަން ވާނެ ދެއްތޯ؟" 

ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވީ ޤައުމެއްގައި އަބަދުވެސް ސިޔާސީ ހަމަނުޖެހުން އޮންނަ ނަމަ އެ ޤައުމަކަށް ކުރިއެރުން ނުލިބޭނެ ކަމަށެވެ. އިންވެސްޓަރުން ވެސް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ސިޔާސީ ހަމަޖެހުން އޮތް ޤައުމަކަށް ހަދަން ޖެހޭ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމަށް އެންމެ ބޮޑަށް ބޭނުންވަނީ ޞުލްޙަވެރިކަމާއި އަމާންކަން ކަމަށެވެ. އެހެންކަމުން ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ކޯލިޝަނަށް ކާމިޔާބުލިބުމަކީ ސަރުކާރު ކުރިއަށް ގެންދަން އޮތް އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ގޮތް ކަމަށާއި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރާނީ ސަރުކާރު ދަމަހައްޓަން ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން