ސިމްޑީ ގްރޫޕުން އައްޑޫ ސިޓީގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހިންގާ އިންޓަރނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) އާ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލް ގުޅިގެން އައްޑޫގައި ޚާޢްޞަ ޚިދުމަތްތަކެއް ދޭން ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރުވެސް ހަފްތާއަކު 300 ، 400 ދިވެހިންނަށް ޚިދުމަތް ދެމުން ގެންދާ ނަވަލޯކާ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުން އައިއެމްޑީސީއަށް ފޮނުވައިގެން ޚިދުމަތް ދޭނެ ކަމަށެވެ. އަދި ރާއްޖެއިން ދެވެން ނެތް ޚިދުމަތެއް ދޭން ޖެހިއްޖެނަމަ ލަންކާއަށް ގެންގޮސް ނަވަލޯކާ ހޮސްޕިޓަލުން ޚިދުމަތް ދޭނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ކުރީގެ ހެލްތް މިނިސްޓަރު، ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ. ޢައިޝަތު ޝަކީލާ ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެދަށުން ކަނޑައެޅޭ ތާވަލެއްގެދަށުން ނަވަލޯކާ ހޮސްޕިޓަލުގެ ކޮންސަލްޓަންޓުން އައިއެމްޑީސީއަށް ޒިޔާރަތްކޮށް ފަރުވާ ދެމުން ގެންދާނެ ކަމަށެވެ. އެހެންކަމުން މިހާރު އައްޑޫ ސިޓީން ލިބެން ނެތް ނިޔުރޯ ސަރޖަރީ ފަދަ ޞިއްހީ ޚިދުމަތްތައްވެސް ލިބެމުންދާނެ ކަމަށެވެ.
ޑރ. ޝަކީލާ ވިދާޅުވީ އައްޑޫ ސިޓީގައި ބައެއް ޚިދުމަތްތައް ލިބެން ނެތުމުން ގިނަ އަދަދެއްގެ ބަލިމީހުންނަށް، ބޮޑު ޚަރަދުކޮށްގެން ދަތުރުތައް ކުރަން ޖެހޭ ކަމަށާއި މި ޚިދުމަތްތައް ލިބެން ފެށުމުން ކުރަން ޖެހޭ ދަތުރުތައް މަދުވާނެ ކަމަށެވެ. އަދި އައިއެމްޑީސީ އަކީ މިހާރުވެސް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއް ކަމަށާއި އެ ސެންޓަރުގެ ބަލިމީހަކު ލަންކާއަށް ފޮނުވަންޖެހިއްޖެނަމަ ވީހައި ފުރިހަމައަށް އާސަންދައިގެ ޚިދުމަތް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އައިއެމްޑީސީ އަކީ 2008 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ ތަނެކެވެ. މިހާރުވެސް ބައެއް ދާއިރާތަކުގެ ސްޕެޝަލިސްޓުންވެސް ފަރުވާދެމުން ގެންދާ އައިއެމްޑީސީގައި ޒަމާނީ ވަސީލަތްތައް މިހާރުވެސް ވަނީ ޤާއިމުކުރެވިފައެވެ.