ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 56ސ
ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުތައް ޖޫރިމަނާކޮށް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ޤަވާއިދާ ޚިލާފަށް ޕާކްކުރުން ވަނީ އިތުރުވެފައެވެ. އެގޮތުން ކަފިހުރަސް މަތީގައާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ހަދާފައި ހުންނަ ރޭމްޕުތައް މަތީގެ އިތުރުން އޮފީސްތަކާއި ގޭގެއަށް ވަދެނިކުމެ އުޅުމަށް ދަތިވާނޭ ފަދައިން ޕާކުކުރާ މައްސަލަތައް މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. 

މިފަދަ ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ޤަވާއިދާއި ޚިލާފަށް މިފަދައިން ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ. 

"ނުޤަވައިދުން ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގެ ވެރިންނަށް ގުޅައިގެން އެބަ ނަގުވަން. އަދި ޓޯ ކުރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށް ގެންދަން. ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން" އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން