ޕީއެންސީ އާއިމެދު ދެކެނީ ޒާތީކޮށް ކަމަކަށް ނުބުނަން: ހަބީބު

ކިޔުމަށް ހޭދަވާނީ 1މ 16ސ
ޕީއެންސީ އާއިމެދު ދެކެނީ ޒާތީކޮށް ކަމަކަށް ނުބުނަން: ހަބީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއިމެދު ޒާތީކޮށް ދެކޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ބޭފުޅަކު ދަންނަވާފައި ނުވާނެ ކަމަށް އެކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

 

ހަބީބް ވިދާޅުވީ ޕީއެންސީ އުފެއްދުމަށް އިސްވެ މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އާއި ފޯނުން ވާހަކަ ދެއްކެވި ކަމަށާއި އެހެންނަމަވެސް އެޕާޓީއާއިމެދު ދެކެނީ ޒާތީ ނަޒަރަކުން ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

 

"އަޅުގަނޑަށް އަބްދުއްރަހީމް ގުޅުއްވާފަ ދެއްކެވި ވާހަކައިގަ ގިނަ ސުވާލުތަކެއް ކުރެއްވި އެއްފަހަރާ. އެގޮތުން ވިދާޅުވީ ޒާތީ ގޮތުން ދެކިގެންހޭ ފޯމް އެޕްރޫވް ނުކުރަނީ. އަދި މި ޕާޓީ ނޫން ޕާޓީއަކަށް މިހެން ނުހަދާ ނޫންހޭ. އަޅުގަނޑު ދެންނެވިން އާއެކޭ ތިޕާޓީއަށް އެހެން ހަދަން ޖެހުނީ ގިނަ ބައެއްގެ ޝަކުވާ އީސީއަށް އައުމުންނޭ. އެއްވެސް ގޮތަކަށް ޒާތީ ވެގެނެއް ނޫނޭ" އީސީގެ މެމްބަރު ހަބީބު ވިދާޅުވިއެވެ.

 

ޕީއެންސީގެ ފަރާތުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި އަބްދުއްރަޙީމް ވިދާޅުވެފައިވަނީ އީސީ ޙަބީބުއާއި ގުޅުމުން، ޕީއެންސީ އާއިމެދު އެކޮމިޝަނުން ދެކެނީ ޒާތީކޮށް ކަމަށް އެއްބަސްވެ ވަޑައިގެންފައި ކަމަށެވެ. ނަމަވެސް ހަބީބުވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ.

މިއަދު އޮންލައިން