އެމްޑީޕީގެ ޕްރައިމަރީއެއް ކާމިޔާބުކޮށްލެވޭ ވަރަށް ރައްޔިތުންގެ ތާއީދު ނެތް މީހުން ދައުލަތުގެ މުއައްސަސާތައް ހިންގަންވީ ގޮތް ކިޔައި ދިނުމުން އެކަން ރައްޔިތުންގެ ގިނަ ބައަކު ދެކެނީ ޖޯކެއްގެ ގޮތުގައެވެ. ޚާއްޞަކޮށް އެމީހަކަށް ޤައުމުގެ ކަންކަން އިޞްލާޙް ކުރެވޭނެ ބޮޑެތި މަޤާމުތައް ލިބުމުން އެއްވެސް ކަމެއް އިޞްލާޙް ނުކުރެވުނު މީހުން އެފަދަ ވާހަކަތައް ދެއްކުމުން "ޖޯކުކަން" އިތުރުވާކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ސިޔާސީ ޕޯޑިއަމްތަކުގައި މޮޅު ވާހަކަތައް ދެއްކުމުން ސިޔާސީ ބޮޑެތި މަޤާމުތަކާއި ކުދި މަޤާމުތައްވެސް ލިބެއެވެ. ނަމަވެސް އެފަދަ މީހުންގެ ހަޤީޤީ އަގު ވަޒަން ކުރެވިގެން މިދަނީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ތާއީދު އޮތް މިންވަރު ހާމަކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ދިނުމުންނެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ގުޅިގެން ޕްރައިމަރީއެއް އަދި ބާއްވާފައިވަނީ ހަމައެކަނި އެމްޑީޕީ އިންނެވެ. އެ ޕްރައިމަރީގައި ވާދަކޮށް ފެއިލްވުމުން ޕްރައިމަރީ ކާމިޔާބުކުރި، ރައްޔިތުންގެ ތާއީދު އޮތް މީހުންނާއި ދިމާކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާއި ޚިލާފް ކަމެއް ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ގިނަ ބައަކު ބުނަނީ އެފަދަ މީހުން ދެން ވެސް ރަނގަޅު ވާނީ ރައްޔިތުންނަށް ފައިދާ ކުރާނެ ކަންތައްތައް އަމަލީ ގޮތުން ކޮށް ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދަން މަސައްކަތް ކުރުން ކަމަށެވެ.