އެމްއެންއޭސީއައިއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ މަޝްވަރާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެމްއެންއޭސީއައިއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ މަޝްވަރާކޮށްފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

މިމަޝްވަރާތައް ކުރެއްވީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް ޢަބްދުﷲ މުޙައްމަދާއި އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާސިމް އިބްރާޙީމްގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން، އެ އިންޑަސްޓްރީ ތަމްސީލްކުރާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާއި މަޝްވަރާ ކުރެއްވެވި ކަމަށެވެ.

 

ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމްއެންއޭސީއައިގެ ރައީސް ޢަބްދުﷲ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަރުޙަބާ ވިދާޅުވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކާއިބެހޭ ގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަޢުލޫމާތު އަރުވައިފައެވެ.

މިއަދު އޮންލައިން