ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބޭނުންވާ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.
ޕީއެންސީ އުފައްދަން ހުށަހެޅުމުން، އެޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ޕާޓީ އުފައްދަން 3000 ފޯމު ބޭނުންވާއިރު ޕީއެންސީން އެފަހަރު ވަނީ 4000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައެވެ.
ނަމަވެސް ބައެއް ފަރާތްތަކަށް ނޭނގި އެމީހުންގެ ނަމުގައި ފޯމު ފުރިކަމަށް ބުނެ އެފަރާތްތަކުން އީސީއަށް ޝާކުވާ ހުށަހެޅުމުން، އެކޮމިޝަނުންވަނީ ފޯމުތައް ވެރިފައިކޮށް ސައްޙަ ފޯމުގެ ގޮތުގައި 1950 ފޯމު ކަނޑައަޅާފައެވެ. އެހެންކަމުން އަލުން 3000 ފޯމު ހަމަކުރުމަށް އެންގުމުން އެޕާޓީން ވަނީ މިއަދު އެކަން ފުރިހަމަކޮށްފައެވެ.
ޕީއެންސީގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދައާއި ހަވާލުވެލެއްވީ އެޕާޓީ އުފައްދަވަން ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އެވެ. ހުއްދަ އޭނާއާއި ހަވާލު ކޮށްދެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް އެވެ.