ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުވެސް ދެއްކެވީ އެމަނިކުފާނުގެ ސާބިތުކަން ކަމަށާއި އެގޮތުގައި ސާބިތުކަމާއިއެކު ދެމިހުންނެވުމުން އެމަނިކުފާނުގެ ވައުދުތަކާއި އަހުދުތައް ދާނީ ފުއްދި ފުރިހަމަވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައި ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ ކެންޕޭނު ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަކި ޕާޓީއެއްގެ މެންބަރުންގެ ރައީސް ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ރައީސް ކަމަށެވެ.
ޤާސިމް އިބްރާހީމް މިރޭވެސް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސާބިތުކަމާއިއެކު ހުންނަވައި ޤާނޫނު އަށަސީ އާއި އެއްގޮތަށް ކަންކަން ތަންފީޒުކުރައްވަމުން ގެންދަވާހައި ދުވަހަކު ޖޭޕީ އެމަނިކުފާނާއިއެކު ދެމި އޮންނާނެ ކަމަށާއި ސިއްރުސިއްރުން މަކަރުވެރި ގޮތްތައް ރާވައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ވައްޓާލަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. ރައްޔިތުން މިހާރުވެސް ތިބީ އެކަމަށް ވަރަށް ބޮޑަށް ހޭލައި ހޭލުންތެރިކަމާއިއެކުގައި ކަމަށެވެ.