ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމަށް ގެނައީ އެއް ޕާޓީއަކުން ނޫން ކަމަށާއި ކޯލިޝަނުގެ ޕާޓީތައް ގުޅިގެން ކަމަށް އަދި އެމަނިކުފާނުގެ ވެރިކަމަށް އެއްބާރުލުންދީ މަޖިލީހުގައިވެސް ސަރުކާރު ނަގަހައްޓާނީ ހުރިހާ ޕާޓީތައް ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އާއި ދައުލަތުގެ ބާރުތައް އެއް ޕާޓީއަކަށް ލިބުމުން އަބަދުވެސް ކުރަމުން އައިސްފައިވާ ކަމަކީ އަމިއްލަ އަންބޮނޑި ބޮޑުކުރުން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތް ކުރަމުން ދަނީ އެގޮތަށް އެކަން ކުރުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ކޯލިޝަނުގެ 4 ޕާޓީގައިވެސް މަޖިލީހުގައި ތަމްސީލުކޮށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުން" ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިކަން ފާހަގަކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ ﷲ ތައާލާގެ ވާގިފުޅާއިއެކު މަޖިލިސް އޮންނާނީ ރައީސް ޞާލިޙް ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. މަޖިލީހުގައި އޮންނާނީ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދޭ ގިނަ ޕާޓީތަކެއްގެ އަޣްލަބިއްޔަތު ކަމަށެވެ.
"މަޖިލީހަށް މަހުޖަނުން ކުރިމަތިލާ" ކަމަށް ބުނެ އެމްޑީޕީގެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަށް ޤާސިމް އިބްރާހީމް މިރޭ ވަނީ ސުވާލުތަކެއް އުފައްދަވައިފައެވެ. "މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ތަނަވަސްކަން ލިބިފައިވާ އެއްވެސް މީހަކު ކުރިމަތިލާފައި ނުވަނީތޯ؟ މިލިއަން މިލިއަނުން ޚަރަދުކުރަމުން ތިއަ ގެންދަނީ ތަނަވަސްކަން ހުރި މީހުންގެ އަތުން ފައިސާ ހޯދައިގެން ނޫންތޯ؟ ނޫނީ ބޭރު ޤައުމުތަކާއި ޖަމާއަތްތަކުން ފައިސާ ދެނީތޯ؟ ފައިސާވެރިންގެ ބޭނުންކުރަންވީ ހަމައެކަނި ފައިސާ ހޯދަންތޯ؟ ފައިސާ ލިބި ބޭނުން ކަންތައް ޙާޞިލުވީމާ ކުރަން އޮތް ކަމަކީ ބޭނުންހައި އެއްޗެއް ގޮވުންތޯ؟" ވެސް ޤާސިމް އިބްރާހީމް ވަނީ ސުވާލު އުފައްދަވައިފައެވެ.
ޤާސިމް އިބްރާހީމް ވަނީ މި ދިވެހިރާއްޖެ ދޫކޮށް އަނެއް ދިވެހިރާއްޖެއަށް ދިއުމަކީ މީގެ 900 އަހަރުކުރިން ރާއްޖެ އޮތް ހާލަތަށް ގެންގޮސް ރާއްޖެއަށް އެހެން ދީންތައް ތަޢާރަފްކުރުންތޯ ވެސް ސުވާލުކުރައްވައިފައެވެ. އަދި ކިތަންމެ ވަރަކަށް ގެންދަން ބޭނުންވި ނަމަވެސް ދިވެހިން ތިބީ މާތްވެގެންވާ އިސްލާމް ދީން ދޫކޮށް އެހެން ދީންތައް ޤަބޫލުކުރަން އަނެއް ދިވެހިރާއްޖެއަށް ދާން ނޫން ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.