ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސެއްގެ ގޮތުގައި އެޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އައްޔަނު ކުރައްވައިފިއެވެ.
ވަގުތީ ރައީސަކަށް އަބްދުއްރަޙީމް އައްޔަނު ކުރެއްވިއިރު، ނައިބު ރައީސުންގެ ގޮތުގައި އައްޔަނު ކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އެވެ.
ޕީއެންސީ އުފެއްދުމަށް ބާއްވަންޖެހޭ ފުރަތަމަ އަަންމު ޖަލްސާ މިރޭ ދަރުބާރުގޭގައި ބާއްވާފައިވާއިރު މިގޮތަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި 357 މަންދޫބުންގެ އިއްތިފާގުންނެވެ.
ޕާޓީ ހިންގުމަށް 40 މެމްބަރުން ހިމެނޭ ވަގުތީ ކޮމެޓީއެއްވެސް މިރޭގެ ޖަލްސާގައި އެޕާޓީއިން ވަނީ އެކުލަވާލާފައެވެ.
މީގެއިތުރުން މިރޭގެ ޖަލްސާގައި ވަނީ އެޕާޓީގެ ރަސްމީ ނަމުގެ ގޮތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަދި ރަމްޒީ ނަމެއްގެ ގޮތުގައި ކޮންގްރެސް ޕާޓީ ކިޔުމަށް ފާސްކޮށްފައެވެ. އަދި ޕާޓީގެ ނިޝާނާއި ދިދަ އަދި ކުލަ ވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން އެޕާޓީގެ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ވިލު ނޫކުލައެވެ.
ކޮންގްރެސް ޕާޓީގެ މިޖަލްސާގައި އެޕާޓީގެ އަސާސީ ގަވާއިދާއި މެނިފެސްޓޯ ވެސް މިރޭ ވަނީ ފާސްކޮށްފައެވެ. އެޕާޓީން ބުނިގޮތުގައި ކޮންގްރެސް ޕާޓީ ހިންގާ ގަވާއިދު ފަހުގެ މަރުހަލާއެއްގައި އެކުލަވާލާނެކަމަށް ކޮންގްރެސް ޕާޓީން ބުނެއެވެ.
ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ލަވަ ވެސް ވަނީ ލޯންޗުކޮށްފައެވެ.