ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މުދާ ބޭނުންކުރި މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އީސީގެ މެމްބަރު އަދި ޗީފް ސްޕޯކްސްޕާސަން އަހުމަދު އަކުރަމް ވިދާޅުވީ، ކޮންގްރެސް ޕާޓީ އާއި ގުޅިގެން ހުށަހެޅުނު ޝަކުވާ ބެލުމަށް ކޮމިޓީއެއް އެކުލަވާލަން އެކޮމިޝަންގެ ބައްދަލުވުމުގައި މިއަދު ނިންމާފައިވާ ކަމަށެވެ.
"ކޮމިޝަންގެ ބައްދަލުވުމުން ނިންމީ ޤާނޫނީ ވަކީލުންގެ ތިން ބޭފުޅެއްގެ މައްޗަށް ހިމެނޭ ކޮމިޓީއަކުން އެމައްސަލަ ބަލައި، ދެ ދުވަހުގެ ތެރޭގައި އިލެކްޝަންގެ މެމްބަރުންނަށް ރިޕޯޓު ހުށަހެޅުމަށް. އެއަށްފަހު މެމްބަރުން ގޮތެއް ނިންމާނީ" އަކުރަމް ވިދާޅުވިއެވެ.
އީސީން ބުނީ އެކޮމިޓީގައި ހިމެނޭނީ އެކޮމިޝަންގެ ލީގަލް ސެކްޝަނުގައި މަސައްކަތް ކުރައްވާ ދެ ބޭފުޅަކާއި އެކޮމިޝަނަށް ޤަނޫނީ ލަފާދޭ ލޯ ފާމުގެ ބޭފުޅެއް ކަމަށެވެ.
މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އީސީން ހާމަ ކޮށްފައި ނުވި ނަމަވެސް،މިއީ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.