ތަރައްޤީގެ ސިޔާސަތު ބިނާވެފައިވަނީ އިސްލާމީ ތަރަހައާއި އިންސާނީ ކަރާމާތުގެ މައްޗަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 20ސ
ތަރައްޤީގެ ސިޔާސަތު ބިނާވެފައިވަނީ އިސްލާމީ ތަރަހައާއި އިންސާނީ ކަރާމާތުގެ މައްޗަށް: ރައީސް

ދިވެހި ތާރީޚުގައި ތަރައްޤީއަށް އައި ކޮންމެ ބަދަލަކާ ދެކޮޅަށް ބަޔަކު ނިކުތް ނަމަވެސް، ދިވެހި ރައްޔިތުން އަބަދުވެސް އިސްކޮށްފައިވަނީ ޤައުމީ މަސްލަހަތާއި ޒަމާނީ ތަރައްޤީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަދު އަޅުގަނޑުމެން ވިސްނަންވީ ކުރިޔަށް އޮތް ދުވަސްތަކުގައި މުޅި ޤައުމަށް އެންމެ ފައިދާހުރި ގޮތްތަކަކީ ކޮބައިތޯއާއި، ޒަމާނުއްސުރެ ހުރި ދަތިތައް ހައްލުކުރުމުގައި ފަރުދީގޮތުން އަދާކުރެވޭނީ ކޮން ދައުރެއްތޯ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ސުވާލުތަކުގެ ޖަވާބު ހޯދުމުގައި ރާއްޖޭގެ ޖުމްހޫރީ ދަތުރުގެ ތާރީޚުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެންނަވަން އުޅުއްވި ތަރައްޤީއަށް ބައެއް މީހުން ހުރަސްއެޅިކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އަންހެން ކުދިންނަށް ތައުލީމު ދިނުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ދައްކަން އޭރު ބަޔަކު މަސައްކަތްކުރި ނަމަވެސް، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން އެ ހައްޤު ހޯއްދަވައިދެއްވުމުން މިއަދު އޭގެ ފައިދާ މުޅި ޤައުމަށް ލިބިފައިވާ މިންވަރު ބަޔާންކުރެއްވިއެވެ. ހަމައެއާއެކު، ރަށްރަށުގައި މަގުކެނޑުމުގެ މަސައްކަތަށް ދެކޮޅުހެދި މަދު ބަޔަކަށްވުރެ، ރައްޔިތުން ނިކުމެ އެ ތަހުޒީބަށް މަރުހަބާ ކިޔުމުން ލިބުނު ފަސޭހަތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާސިރުގެ ޒައާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމަށް ބައެއް މީހުން ދެކޮޅުހަދައި، މަސްތައް ފިލާނެ ކަމަށް ބުނި ނަމަވެސް، ޅ. ނައިފަރު 'އުންމީދު' ދޯނި ފަދަ އުޅަނދުތަކުން އިސްނަގައި އެކަން ބަދަލުކޮށްލި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 1966 ގެ އަހަރުތަކުގައި ރާއްޖޭގައި ފަތުރުވެރިކަން ނުހިންގޭނެ ކަމަށް ބޭރުގެ ތަޖުރިބާކާރުން ނިންމި ނިންމުމާއި، ބައެއް ދިވެހިންގެ މަލާމާތްތަކާ ދެކޮޅަށް ދިވެހި ދަރިންތަކެއް ކުރި ހިތްވަރުން މިއަދު ފަތުރުވެރިކަން ވެފައިވަނީ ދިވެހި އިޤްތިސާދުގެ އެންމެ ވަރުގަދަ ތަނބަށް ކަމަށް ރައީސް ވިދާޅުވިއެވެ.

" މި ހާދިސާތަކަށް ބަލާ އިރު ވެސް، ދިވެހިރައްޔިތުންކުރެ ގިނަ ބޭފުޅުން އަބަދުވެސް ކުރިއެރުމާއި ޒަމާނީ ތަރައްޤީއަށް މަރުޙަބާ ވިދާޅުވާކަން އެނގޭ. އިސްކުރައްވަނީ ޤައުމީ ވިސްނުންކަން ސާފުވޭ.  އެހެނީ ދިވެހި ރައްޔިތުން އެ ވަނީ، ހޭލުންތެރިކަމާއި މަދަނީ ތަރައްޤީއަށް ބޮޑު ތަރުހީބެއް ދެއްވާފާ. ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި ދިވެހި ޤައުމެއް. ދިވެހި ރައްޔިތުން ބޭނުންވަނީ މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުމެވެ. މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ދުނިޔެއަށް އަންނަ މޫސުމީ އަދި އިޤްތިސާދީ ލޮޅުންތަކުން އަރައިގަނެވޭނެ ފަދަ އީޖާދީ، ތައުލީމީ، އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ ތަސައްވުރު ކަމުގައި ވިދާޅުވިއެވެ.

ޤައުމެއްގެ ކުރިއެރުމުގެ އަސްލަކީ އުންމީދީ ވިސްނުމާއި އެއްބައިވަންތަކަންކަން ފާހަގަކުރައްވަމުން، މި ޖުމްހޫރީ ދުވަހު ދިވެހިންގެ ޝިއާރަކަށް ވާންވީ "ދިވެހީންގެ ރާއްޖެ – ތަހުޒީބު މުޖުތަމަޢު" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ އަމާންކަމަށް ހުރަސްއަޅައި ކުރިއެރުމަށް ހުރަސްއަޅާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުމަށް އެދި ދުއާކުރެއްވުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން