އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރުމަކީ މިއަދު ތިއްބެވި ހުރިހާ ޢިލްމުވެރިންގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. ޤައުމުގެ ވެރިކަން ބަދަލުވާނެއެވެ. ޢިލްމުވެރިންގެ މަސްއޫލިއްޔަތު ބަދަލެއް ނުވާނެއެވެ. ކޮންމެ ވެރިކަމެއްގައިވެސް ޢިލްމުވެރިންގެ މަސްއޫލިއްޔަތަކީ ﷲ ތަޢާލާ މަތިވެރި ކުރުމެވެ.
މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން ފާހަގަކޮށް އިޞްލާޙްކުރަން މަސައްކަތްކުރުމާއި ރައްޔިތުންނަށް އިސްލާމް ދީން އޮޅުންފިލުވައިދީ ނަގަހައްޓަން މަސައްކަތް ކުރުން ވާންވާނީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ދީނީ ޢިލްމްވެރިންގެ އެންމެ ބޮޑު މަސްއޫލިއްޔަތަށެވެ. ޤައުމުގެ އެންމެ މަތީ ވެރިޔާ ނަމަވެސް އިސްލާމްދީނުގެ ކަމެއްގައި ނުބައި ގޮތަކަށް ޢަމަލުކުރާނަމަ އަދި ނުބައި ވާހަކަތަކެއް ދައްކާނަމަ އެކަން ފާހަގަކޮށް އިޞްލާޙްކުރަން މަސައްކަތް ކުރުމަކީ ވެސް ދީނީ ޢިލްމުވެރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ.
މިގޮތުން މިސަރުކާރުގެ ތެރެއިން ފެނުނު ކަންކަން މިހާރުވެސް ވާނީ ފާހަގަކޮށްފައެވެ. "ހަފްތާ ރެސް" ފަދަ ހަރަކާތްތަކާއި ގުޅިގެން ބުނަންޖެހޭ ބަސް ވާނީ ބުނެފައެވެ. ﷲ ގެވާގިފުޅާއިއެކު އަދިވެސް ގެންދާނީ ބުނަމުންނެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އެގޮތުގައި ދެމިހުރުމަށެވެ.
ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރާއްޖޭގައި ތިއްބެވި ހުރިހާ ދީނީ ޢިލްމުވެރިން މިފަދަ ރޫހެއްގައި ތިއްބަވައިގެން މަސައްކަތް ކުރައްވާނަމަ ޤައުމުގެ ކަންކަން ދާނީ އިޞްލާޙް ކުރެވެމުންނެވެ. މީސްތަކުންގެ ހިތްތަކުގައި އިސްލާމް ދީނަށް ދާނީ ލޯބި އިތުރުވަމުންނެވެ. އަދި މީގެ އަހަރުތަކެއް ކުރިންސުރެ ރާއްޖެއަށް ކުރިމަތިވަމުން އައި ލާދީނީ މުޞީބާތްތައް މިއަދު ހައްދުފަހަނައަޅައި އިތުރުވަމުންދާއިރު އެކަމަށް ކުރިމަތިލުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު އިތުރަށް މުހިންމުވެފައިވާކަން ހުރިހާ ޢިލްމުވެރިންވެސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެކެވެ.
މި މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއިވެސް އެކުގައެވެ. އެހެންކަމުން މިއަދަކީ އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގައި ތިއްބެވި ހުރިހާ ދީނީ ޢިލްމުވެރިން ގުޅިގެން ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހިފައިވާ ދުވަހެވެ. އެކަމަށް އިސްލާމިކް މިނިސްޓްރީގެ ބައިވެރިވުމާއި އެހީތެރިކަން ޢިލްމުވެރިންނަށް އިންތިހާއަށް ބޭނުންވެއެވެ. އަދި ދީނީ ޢިލްމުވެރިންގެ އެއްބާރުލުން އިސްލާމިކް މިނިސްޓްރީ އަށް ވެސް ބޭނުންވާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް