އައްޑޫ ސިޓީގެ ހިތަދޫގައި އިއްޔެ ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އިންޑިއާގެ ރައްޔިޔަތަކަށް އިތުރު ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، އިތުރު ފަރުވާއަށް އެމީހާ ރާއްޖެ ގެނެސްފައިވަނީ މިއަދު ހެނދުނު 10:15 ގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އުމުރުން 46 އަހަރުގެ މި މީހާއަށް ހަމަލާ ދީފައިވަނީ ހިތަދޫ ބޮޑު މަގުން ބައިސްކަލެއްގައި ދުއްވާފައި ދަނިކޮށް އިއްޔެ ރޭ ފަތިހު 4:00 ޖަހާއެހާއިރު ކަމަށެވެ.
އެމީހާގެ މޫނަށް ހަމަލާދިނުމުގެ ސަބަބުން، އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫ ގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އިންޑިއާ މީހާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އަދި ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.