މަނީލޯންޑްރިންގ މައްސަލަތަކާއި ގުޅިގެން ޝަރީޢަތް ނިމެންދެން ބަނަދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކޮށް ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކުރިފުޅުމަތީގައި ކުޑަ ކަކޫ ޖައްސަވައިފިން ކަމަށާއި އަވަހަށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލައްވާ ކަމަށް މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލަސާގައި ރިފާޢު ވިދާޅުވީ މީގެ ކުރިން ބައަކު ނުހައްޤުން ހައްޔަރުކުރުމަކީ މިސަރުކާރުން އެގޮތަށް އަމަލުކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ.
ރިފާޢު ވަނީ ސަރުކާރުގެ ވަޒީފާތަކުން ޤަވާއިދާއި ޚިލާފަށް ޕީޕީއެމްގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށްވެސް ވިދާޅުވެފައެވެ.