ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށާއި ގޮތް ނުއެނގޭ ގޮތަށް މަރުވެފައިވާ އަދި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް ނުއަހައި އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ ބިލަށް ވޯޓަށް ނުއަހައި އަނބުރައި ކޮމިޓީއަށް ފޮނުވަން ނިންމެވީ ރިޕޯޓް އެކުލަވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމި ގޮތަށް ނޫން ކަމަށް ބުނެ 6 މެންބަރަކު ސިޓީ ފޮނުވުމާއި ގުޅިގެން އެކަން ބެއްލެވުމަށް ކަމަށެވެ.
މިކަމާއި ގުޅިގެން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރިޕޯޓް އެކުލަވާލާފައިވާނީ ކޮމިޓީން ނިންމި ގޮތަށް، އަދި ކޮމިޓީން އަމަލުކުރާ އުޞޫލުތަކަށް އަމަލުކރުމަށްފަހުގައި ކަމަށެވެ. އަދި ރިޕޯޓްގައި މައްސަލައެއް އޮތް ނަމަ އެކަން ފާހަގަކޮށް ސިޓީ ފޮނުވަން ޖެހޭނީ ރިޕޯޓް ފާސްކުރިތާ 3 މަސް ދުވަސްވެ ވޯޓަށް އަހަން 4 ދުވަސްމަތިން އެޖެންޑާކޮށް ވޯޓަށް އަހަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް ނޫން ކަމަށެވެ.
ރޮޒައިނާ ތުހުމަތުކުރެއްވި ގޮތުގައި މި މައްސަލަތައް ކުރިމަތިކުރުވަނީ ރިޔާސީ ކޮމިޝަނަށް ބާރުލިބިގެން މައްސަލަތައް ބަލައިފިނަމަ ކުށްވެރިވާނެ މެންބަރުން މަޖިލީހުގައި ތިބުމުން ކަމަށެވެ.