މާލޭ ލޮނުޒިޔާރަތް މަގުގައި ހުންނަ މަޝްހޫރު "ޖަލްޕަރީ" ފޮތިފިހާރަ ފަޅާލައި، 270 ރުފިޔާގެ ވައްކަމެއް ކޮށްފިއެވެ.
އިއްޔެ ރޭ ކޮށްފައިވާ މިވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ ހެނދުނު 9:28 ހާއިރުއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޖަލްޕަރީ ފިހާރަ ފަޅާލައި، އެފިހާރައިގެ ވަތްގަނޑުގައި ހުރި ވަކި ލާރިތަކެއް ވަގަށް ނެގި މައްސަލައެއް އިއްޔެ ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
އެފިހާރަ ހިންގުމާ ހަވާލުވެގެން ހުންނަވާ ހުސެއިން އާދަމް ވިދާޅުވީ، އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި އެފިހާރައިގެ ދޮރު މަތާލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމަށާއި ނަމަވެސް ފިހާރައިގެ ވަތްގަނޑުގައި އެވަގުތު ހުންނާނީ ވަކި ލާރީގެ ގޮތުގައި ބަހައްޓާފައި ހުރި 270 ރުފިޔާ ކަމަށެވެ.
ވަގުން އެރުފިޔާ ގެންގޮސްފައިވާއިރު އެފިހާރައިން އިތުރު އެެހެން އެއްވެސް އެއްޗެއް ގެންގޮސްފައިނުވާ ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.
"ވަކި ލާރީގެ އިތުރުން އެހެން އެއްވެސް ފައިސާއެއް ވަތްގަނޑުގައެއް ނުހުންނާނެ. އަދި ފިހާރައިން އިތުރު އެއްޗެއް ނަގާފައެއް ވެސް ނެތް. ވަކި ލާރިކޮޅެއް އެކަނި ގެންދިޔައިމަ އަޅުގަނޑުމެންނަށް ވަރަށް މަޖާ ކަމަކަށްވީ" ޙުސެއިން ވިދާޅުވިއެވެ.