ޖަމިއްޔާތައް ރަޖިސްޓްރީ ނުކޮށް ހިންގަން ފުރުޞަތު ދޭނަމަ ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަން ޖެހޭ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޖަމިއްޔާތައް ރަޖިސްޓްރީ ނުކޮށް ހިންގަން ފުރުޞަތު ދޭނަމަ ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަން ޖެހޭ!

އެހީތެރިވުމުގެ ނަމުގައި ޔަހޫދީއަކު ހިންގާ ބޮޑު ޔަހޫދީ ޖަމިއްޔާއެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުވަން ދާދިފަހުން ވަނީ މަސައްކަތްކޮށްފައެވެ. އެ ޖަމިއްޔާ ޢާއި ގުޅޭ ދިވެހި ޖަމިއްޔާއެއްވެސް ރަސްމީކޮށް އެނގެން ނެތުމުން އެކައުންޓް ހުޅުވޭ ގޮތް ވަނީ ނުވެފައެވެ. އެކައުންޓް ހުޅުވޭ ގޮތް ނުވުމުން ބިދޭސީ އަކާއި ކައިވެނިކޮށްގެން އުޅޭ ދިވެހި އަނހެނެއްގެ ނަމުގައި އެކައުންޓެއް ހުޅުވި ވާހަކައެއް ވެސް ޢާންމުވިއެވެ.

މިކަމުގެ މައުލޫމާތު ހޯދަން މިއަދުނޫހުން މަސައްކަތް ކުރުމުން އެއީ ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ކަމަށް ބުނެ އިތުރު މައުލޫމާތެއް ވަނީ ލިބޭނެ ގޮތް ނުވެފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޖަމްޢިއްޔާ ތަކުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ފެށުމަށްޓަކައި  ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 25 މެންބަރުންގެ އިއްތިފާޤުން މި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ފެށުމަށް ފާސްކޮށް ޖަމްޢިއްޔާ ތަކުގެ ބިލާއި ގުޅޭގޮތުން 11 މެންބަރުން ވަނީ ވާހަކަ ދައްކައިފައެވެ. 

މެންބަރުން ދެއްކި ވާހަކައިގައި މިކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކަށްވުރެ ބޮޑަށް ފާހަގަކޮށްފައިވަނީ ބިލުން ކުރާނެ ފައިދާ ޢާއި ބިލުގެ މުހިންމުކަމުގެ ވާހަކަތަކެވެ. 

ދިވެހިރާއްޖެއަކީ މަދަނީ ޖަމިއްޔާތައް ރަޖިސްޓްރީކޮށްގެން ހިންގަން ފަސޭހަ ޤައުމެކެވެ. މިހާރުވެސް އެތއް ސަތޭކަ މަދަނީ ޖަމިއްޔާތަކެއް ގެންދަނީ ރަޖިސްޓްރީކޮށްގެން ހިންގަމުންނެވެ. އެހެންކަމުން މިފަދަ ބިލެއް މަޖިލީހުން ފާސްކުރާއިރު ބިލުގެ ސަބަބުން ނުކުމެދާނެ އިތުރު މައްސަލަތަކަށް ކޮމިޓީ މަރުހަލާގައި ބަހުސްކޮށް ރަނގަޅު، ހަރުދަނާ ގޮތްތަކެއް ނިންމުން މުހިންމު ކަމަށް ބެލެވެއެވެ. ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް ލިބޭނެ ހައްޤުތަކާއި ރަޖިސްޓްރީ ނުކޮށް ހިންގާނަމަ ލިބޭނެ ޙައްޤުތައް ބަޔާން ކުރުން މުހިންމު ކަމަށް ވެސް ބެލެވެއެވެ.

މިބިލު ފާސްވުމާއިއެކު ތަފާތު ނަންނަމުގައި މިހާރު ހަރަކާތްތެރިވާ ކުދިކުދި ގްރޫޕުތައް މަދަނީ ޖަމިއްޔާތަކަކަށް ބަދަލުވެގެން ދާނެއެވެ. އަދި ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި ޖަމިއްޔާތަކަށް އެކަމުގެ އަސަރުތަކެއްވެސް ކުރާނެއެވެ. މީގެ އިތުރުން ކުދިކުދި ގްރޫޕުތަކުން މިހާރު ހިންގާ ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތައް ބޮޑެތި ނަންނަމުގައި ހިންގަންވެސް ފުރުޞަތު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން