ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައީ) ކައިރިން މީހެއްގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެސްބީއައީ ކައިރިން ހިނގާފައި ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގެންފައި ވަނީ، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ބަޔަކު ތޫނު އެއްޗަކުން އެމީހާއަށް ހަމަލާ ދިނުމަށްފަހު ކަމަށެވެ.
މިއަދު ހެނދުނު 9:53 ހާއިރު ހިނގި މިހާދިސާގައި އެމީހާއަށް ހަމަލާދީފައިވަނީ ދެ ސައިކަލެއްގައި އައި ހަތަރު މީހެއް ކަމަށާއި ފުލުހުން އެސަރަޙައްދަށް ދިޔައިރު އެމީހުން އެތަނުން ފިލައިފި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ހަމަލާ ދިން ހަތަރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާއިރު، މިހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.