މަހަށް ނުކުމެ އުޅެނިކޮށް ހުދަން ބަރެއް ފެނުމުން ހުދަންބަރު އެކުގައި މިލްކުކޮށްލުމަށްޓަކައި އޮޑީގެ ފަޅުވެރިން އޮޑިން ބޭރުކޮށް ކަނޑަށް ވައްޓާލުމަށްފަހު ހޮވާ ހުދަން ބަރަށް ލިބެންޖެހޭ ހަމައަގު ނުލިބޭނެ ކަމަށް ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިމޭރުމުން ވިދާޅުވީ ޖޭޕީން ސަރުކާރަށް އެއްބާރުލުން ނުދޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދައްކަނީ ހީލަތްތެރި މަޤްޞަދެއް ކަމުގައި ކަމާއި ޖޭޕީ ދެމިއޮންނާނީ މިސަރުކާރަށް އެއްބާރުލުން ދިނުމުގައިކަން ބަޔާން ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަމީން އިބްރާހީމްގެ ވާހަކަފުޅުން:
މިހާރު މިވާ ގޮތަކީ 4 ޕާޓީ އެކުގައި މަހަށް ނުކުމެ އުޅެނިކޮށް ބޮޑު ހުދަންބަރެއް ފެންނަނީއެވެ. އެހިސާބުން ބޭނުން މިވަނީ ރާޅާ ޖަހާ ވަގުތު ޖޭޕީ ކޮށްޕާލައި އޮޑިން ވައްޓާލުމަށްފަހު ހުދަންބަރު މިލްކުކޮށްލާށެވެ. އެގޮތަށް ކަންތައް ކުރުމަށްފަހު ހުދަންބަރު ހޮވައި މިލްކުކޮށްލައިގެން ވިއްކާލަން އުޅެފިނަމަ އެކަމެއް ނުކުރެވޭނެއެވެ. އަދި ބޭނި މަހަށް ހަމަ އަގެއްވެސް ނުލިބޭނެއެވެ.
ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސަރުކާރު ކުރާ ކޮންމެ ކަމެއްގައި ޖޭޕީގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. ޖޭޕީ އަކީ ވައުދާ އަހުދު އުވާލާ ބައެއް ނޫނެވެ. ވައުދާއި އަހުދަށް ކަމޭ ހިތާބައެކެވެ. ޖޭޕީ އަކީ އެގޮތުގައި ދެމިއޮންނާނެ ޕާޓީއެކެވެ. މިހައި ތަނަށްވެސް ވާނީ އެކަން ސާބިތުކޮށްދީފައެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ ވަރަށް ދީލަތި ބޭފުޅެކެވެ.
ޤާސިމް އިބްރާހީމް އަކީ ޖޭޕީއަށް އަދި އެމަނިކުފާނަށް ބައަކު އަނިޔާއެއް ކުރި ނަމަވެސް ބަދަލު ހިއްޕަވާ ބޭފުޅެއް ނޫނެވެ. އެންމެންނަށް މަޢާފް ކުރައްވާ ވަރަށް ހިތް ބޮޑު، ދީލަތި ބޭފުޅެކެވެ. ކަމެއް ދިމާވި ނަމަވެސް މަޢާފްވެސް ކުރައްވާނެ އެވެ. އެމަނިކުފާނު ދެމިހުންނަވާނީ ސަރުކާރާއިއެކުގައެވެ. ޖޭޕީ ވެސް ދެމި އޮންނާނީ ސަރުކާރާއި އެކުގައެވެ.
ޖުމްހޫރީ ޕާޓީއަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރާނެ ޕާޓީއެކެވެ. ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ނޫނީ އެއްވެސް ކަމެއް ކުރާނެ ޕާޓީއެއްވެސް ނޫނެވެ. ހަމައެކަނި އެންމެ މީހަކު ބޭނުންވާ ގޮތަށް ޤައުމުގެ ކަންކަން ގަޑުބަދުކޮށްލަން ފުރުޞަތު ދޭނެ ޕާޓީއެއްވެސް ނޫނެވެ. އެކަންކަން ރައްޔިތުން ޤަބޫލުކުރެއެވެ. ވީމާ މަޖިލިސް އިންތިޚާބުގައި ޖޭޕީއަށް ވަރަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރަމެވެ.