ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގައި ނުހުންނެވިދާނެ ކަމުގެ ބިރު ދެއްކުން ހުއްޓައިލުމަށާއި ރައްޔިތުން ކަންބޮޑުވާ ޒާތުގެ ވާހަކަ ނުދެއްކުމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ގޮވާލައްވައިފި އެވެ.
އަމީން އިބަރާހީމްގެ ވާހަކަފުޅުން:
މިއީ އެއްވެސް ޕާޓީއެއްގެ ސަރުކާރެއް ނޫނެވެ. ކޯލިޝަނުގެ ސަރުކާރެކެވެ. ވީމާ މިއީ ތިމަންނަގެ ސަރުކާރެކޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ހަމަ އެއާއިއެކު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ ބަޣާވާތް ކުރާނެކަމަށް ބުނާއިރު މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. ކޮންމެ ޕާޓީއަކަށްވެސް ދައްކަން ފަސޭހަވާނީ އެބައަކު ކުރަން ރާވާ ކަންކަމުގެ ވާހަކައެވެ. އެބައަކު ކުރަން މަސައްކަތްކުރާ ކަންކަމުގެ ވާހަކައެވެ.
"އެބުނަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެ ނަމަ ބަޣާވާތަކުން ވެރިކަން ބަދަލުކުރާނެ ކަމަށް. އަނެއްކޮޅުން އެބަބުނޭ މަޖިލީހުގެ މެޖޯރިޓީ އެޖެންޑާ 19 އަށް ލިބިއްޖެ ނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރާނެ ކަމަށް. ވެރިކަމުގެ ނިޒާމު ބަދަލުކުރީމާވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމޭނެ. ވީމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެއްވެސް ގޮތަކުން ސަލާމަތްކަމެއް ނެތް. އަޑިއަށް ގޮސްފިނަމަ ފެމުނު ކާލަނީ. މައްޗަށް އަރައިފި ނަމަ ހޯރަ ކާލަނީ."
ވީމާ ރައްޔިތުންނަށް މިއަދު ތިބެން ޖެހިފައި މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މިގޮތަށް ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަތައް ފަތުރައިގެން ވޯޓު ހޯދުމަކީ މިޒަމާނުގައި ކަންކަން ކުރާ ގޮތެއް ނޫނެވެ. އެއަށްވުރެ ފުދިގެން މަސައްކަތް ކުރަން އެބަ ޖެހެއެވެ. މިސަރުކާރަކީ ގިނަ ޕާޓީތަކެއްގެ ސަރުކާރެއް ކަމަށްވުމުން މިސަރުކާރު ވެރިކަން ކުރަން ޖެހޭނީ އެއް ޕާޓީން ވެރިކަން ކުރާ އުޞޫލަކުންނޫނެވެ.
އަޅުގަނޑު އެދެނީ ރައްޔިތުން ކަންބޮޑުވާ ޒާތުގެ ވާހަކަތައް ނުދެއްކުމެވެ. އެއަށްވުރެ ފުދިގެން ކަންކަން ކުރުމަށެވެ. ކުރިއަށް އޮތް 5 އަހަރު ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއަކުން ސަރުކާރު ވައްޓާލަން އެއްވެސް މަސައްކަތެއް ކޮށްފާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ރައްޔިތުން އެއަސްވުރެ މާ ބޮޑަށް ހޭލުންތެރިވެއްޖެއެވެ. ސަރުކާރުގައި ނުހިމެނޭ ފަރާތަކުން އެފަދަ ކަމެއް ކުރަން މަސައްކަތް ކުރާނަމަ ވަރަށް ފަސޭހައިން އެކަން ހުއްޓުވޭނެއެވެ.