އައްޑޫސިޓީ ހިތަދޫގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގާ ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އަނިޔާ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ހިތަދޫގައި ހުންނަ މާސްޓާ ވީޑިއޯ ފިހާރަ ކުރިމަތިންނެވެ.
އަންހެންމީހާ ގައިގާ ޖެއްސި ސައިކަލު ދުއްވަން އިނީ ފިރިހެނެއް ކަމުގައި މައުލޫމާތު ލިބިފައިވާއިރު އެއަންހެން މީހާއަށް މިހާރު އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.
މިހާދިސާއާއި ގުޅިގެން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު އަލީ މޫސާ ވިދާޅުވީ، ހިނގާފައި ދިޔަ އުމުރުން 57 އަހަރުގެ އަންހެނަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ގެންދެވިފައިވާ ކަމަށާއި އޭނާގެ އެކްސް-ރޭ އެއް ނެގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"ޑޮކްޓަރުން ވިދާޅުވީ ބަލާބެލުމަށް ތަނެއް ބިންދައިގެން ގޮސްފައިވާހެން ހީނުވާކަމަށް. އެހެންނަމަވެސް އެކްސް-ރޭ އާއި އެއްޗެހި ނަގާ ރަނގަޅަށް ބެލުމަށްފަހު އަޅުގަނޑުމެންނަށް ލިބުނު އަނިޔާތައް ބުނެދޭން އިނގޭނީ" އަލީ މޫސާ ވިދާޅުވިއެވެ.
އަންހެން މީހާ ގައިގާ ޖެހުނު ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ކޯޑިނޭޓަރ މައުލޫމާތު ދެއްވިއެވެ.