އެއްތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ ފައިސާ އުފުލަން ނުވަތަ ގެންދަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ސެކިޔުރިޓީ ފުލުހުން އަންނަނީ ފޯރުކޮށްދެމުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ފައިސާ އުފުލުމުގައި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ "އިންސްޓަލޭޝަން ސެކިޔުރިޓީ" ގެ ފޯން ނަމްބަރު 9980068 އަށް ގުޅުމުން ފުލުހުންގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މިއީ ވަރަށް ކުރިންސުރެ ފޯރުކޮށްދެމުން އަންނަ ޚިދުމަތެއް ކަމަށެވެ.
ފުލުހުން ހިލޭ ސާބަހަށް މިފަދަ ޚިދުމަތެއް ފޯރުކޮށްދެމުން ގެންދާއިރު ސަރުކާރުގެ ކުންފިނުތަކުގެ ފައިސާ މިލިއަން މިލިއަނުން އުފުލާއިރު ފުލުހުންގެ ޚިދުމަތް ނުހޯދައި އުފުލާކަން އެއީ ގިނަ ބައަކު ސުވާލު އުފައްދާ ކަމެކެވެ.
ފަހަކަށް އައިސް ސަރުކާރުގެ ބައެއް ކުންފުނިތަކުން އެއްތަނުން އަނެއްތަނަށް ގެންދާ ފައިސާ އުފުލަނިކޮށް ފޭރުމުގެ އަމަލުތައް އިތުރުވެފައިވާއިރު މިފްކޯ އާއި މޯލްޑިވް ގޭސްގެ މިފަދަ މައްސަލަތައް ފާހަގަކުރެވެއެވެ. މޯލްޑިވް ގޭސްގެ މިފަދަ މައްސަލަތައް އިތުރުވެފައިވަނީ ހުޅުމާލޭގައެވެ.
މިފްކޯގެ ބައެއް ވައްކަމުގައި ސުވާލު އުފެދޭ ކަންކަން ވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެންމެފަހުން މިފްކޯގެ މައި އޮފީސް ފަޅައިލީ ސެކިޔުރިޓީ ގާޑަކު ނެތިކަމަށް މިއަދުނޫހަށް ލިބުނު މއަުލޫމާތަކާއި ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ ތަޙްޤީޤް ކުރިއަށްދާތީ އެކަމުގައި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.