އަމީނީމަގުން ޝިތިމާވާ ހިނގުން ގުޅުނު ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި އައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ދަންވަރު 2:20 ހާއިރު ހިނގި މިއެކްސިޑެންޓުގެ ސަބަބުން އުމުރުން 19 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާގެ ކޮނޑުހުޅާއި ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް މޫނު ވެސް މަށައިގެން ގޮސްފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާއިރު، އޭނާއާއެކު އެކްސިޑެންޓުވި، އަނެއް ސައިކަލުގައި އިން މީހާ ވަނީ ފިލާފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.